ޚަބަރު

ގަން އެއަރޕޯޓް ތަރައްޤީކުރުމުގެ ހުރިހައި މަސައްކަތެއް ހުއްޓުމެއް ނެތި ކުރިއަށް


  • ޓާމިނަލްގެ ފައުންޑޭޝަން މަސައްކަތް ވަނީ ނިންމާފައި

  • މަގުތަކުގައި ތާރުއެޅުން މިއަހަރުގެ ނިޔަލަށް ނިންމަނީ

  • މުޅި މަޝްރޫޢު ނިންމަނީ 2025 މާރޗްމަހަށް

ގަން އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ފަސިންޖަރ ޓަރމިނަލް ބޮޑުކުރުމުގެ މަސައްކަތްތައް ފަށާފައިވާކަމަށާއި ޓައިމްލައިންއާ އެއްގޮތަށް މަސައްކަތް ކުރިއަށްދާކަމަށް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ކޮމްޕެނީން ވިދާޅުވެއްޖެއެވެ.

ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގައެވެ.

އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ކޮމްޕެނީން ވިދާޅުވީ، ގަން އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާކަމަށެވެ. އަދި މަސައްކަތް ކަނޑައެޅިފައިވާ ތާރީޚަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން މި މަޝްރޫޢުގައި ހިމެނޭ މަސައްކަތުގެ ދަށުން މިވަގުތު އެންމެ ބާރަށް ކުރިއަށް ދަނީ އެއަރޕޯޓާ ގުޅޭ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތްކަމަށެވެ. މިގޮތުން 4.3 ކިލޮމީޓަރުގެ މަގު ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ.

މަގުތައް ހެދުމުގެ މަސައްކަތުގެ ދަށުން މުޅިން އަލަށް ހަދާ މަގުތަކުގެ ފެންހިންދާ ނިޒާމް ޤާއިމްކޮށް މަގުތަކުގެ ތާރުއެޅުމަށް ތައްޔާރުވަމުންދާކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. އެގޮތުން ނޮވެމްބަރު ނުވަތަ ޑިސެމްބަރު މަހުގެ ތެރޭގައި މަގުތަކުގައި ތާރު އަޅަން ފަށާނެކަމަށް އެކުންފުނިން ވިދާޅުވެއެވެ.

މި މަޝްރޫޢުގައި ހިމެނެ އެޑްމިން ބިލްޑިންއާއި އެއަރ ޓްރފިކް ކޮންޓްރޯލް ޓަވަރުގެ މަސައްކަތާއި ފަސިންޖަރ ޓަރމިނަލު ބޮޑުކުރުމުގެ މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން މިހާރު ހުރި ޓަރމިނަލުގެ ދެފަރާތަށް އިތުރުކުރަންޖެހޭ ބައިގެ ފައުންޑޭޝަން މަސައްކަތް ނިންމާ ދެން ހުރި މަސައްކަތްދަނީ ކުރަމުންނެވެ.

މި ޓަރމިނަލަކީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ފެންވަރަށް، ޒަމާނީ ވަސީލަތްތަކާ އެކުގައި ތަރައްޤީކުރާ ޓަރމިނަލެކެވެ. އަދި އެއަރޕޯޓްގެ ޚިދުމަތް ފުޅާކޮށް ވިޔަފާރިތަކަށާއި، ފަތުރުވެރިކަމުގެ ސިނާޢަތުގައި ބޭނުންކުރުމަށް ކޯލްޑް ސްޓޯރޭޖަކާއެކު ކާގޯ ވަސީލަތްތައްވެސް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

2016 ވަނަ އަހަރު އެ އެއަރޕޯޓުގެ ރަންވޭ ބޮޑުކުރަން ކުރިއަށް ގެންދިޔަ މަޝްރޫޢުގައި އޭ-380 މަރުކައިގެ މަތިންދާބޯޓު ފިޔަވައި، އެހެން ހުރިހާ ވައިޑް ބޮޑީ އެއަރ ކްރާފްޓްތަކަށް ޖެއްސޭވަރުގެ ރަންވޭއެއް ވަނީ ތަރައްޤީކޮށްފައެވެ. އެހެންކަމުން މިހާރު ކުރިއަށްދާ މަޝްރޫޢުގައި ރަންވޭ ތަރައްޤީކުރަން ހަމަޖެހިފައެއްނުވެއެވެ.

ގަން އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުއަކީ އިންޑިއަން އެގްޒިމް ބޭންކުން ދޫކޮށްފައިވާ 29.7 މިލިޔަން އެމެރިކާ ޑޮލަރުގެ ލޯނެއްގެ ދަށުން ހިންގާ މަޝްރޫޢުއެކެވެ. އެ މަޝްރޫޢުގެ މަސައްކަތް ކުރަމުން އަންނަ ރޭނާޓަސްއާ ހަވާލާދީ އޭ.އައި.އޭއިން ވިދާޅުވީ، އެ މަޝްރޫޢޫގެ ހުރިހާ މަސައްކަތެއް 2025 ވަނަ އަހަރުގެ މާރިޗު މަހަށް ނިންމާލާނެކަމަށެވެ.