ޚަބަރު

ފޭރުމުގެ މައްސަލައެއްގައި ހިމެނޭ ތިން މީހަކަށް ދައުވާކުރަން ފޮނުވައިފި


  • މައްސަލައިގެ ތަހުގީގު މިހާރު ވަނީ ނިމިފައި

  • ދައުވާކުރަން ފޮނުވާފައިވަނީ މި މަހުގެ 9ވަނަ ދުވަހު

ފޭރުމުގެ މައްސަލައެއްގައި ހިމެނޭ ތިން މީހަކަށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ފުލުހުން ވިދާޅުވީ ދައުވާކުރުމަށް ފޮނުވީ، މިދިޔަ ޖުލައި މަހުގެ 24ވަނަ ދުވަހުގެ ވަގުތެއްގައި، މއ. މަސްފަން ގެއަށް ދިވެހި ފިރިހެނަކު ވައްދައި، އެމީހާއަށް ވަޅިން ބިރުދައްކައި އޮރިޔާންކޮށް، އަނިޔާކޮށް، އޭނާގެ މޯބައިލް ފޯނުއަތުލައި އޭނާގެ ބޭންކު އެކައުންޓުން ފައިސާ ޓްރާންސްފަރކުރުވައި އަދި އޭނާގެ ކޭޝްކާޑު ބޭނުންކޮށްގެން އޭޓީއެމުން ފައިސާ ނަގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހައްޔަރުކޮށްފައިވާ ތިން މީހުންގެ މައްޗަށް ކަމަށެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ މއ. މަސްފަން، 43 އަހަރުގެ ޢާއިޝަތު އާއި މއ. މަސްފަން، އުމުރުން 27 އަހަރުގެ މުޙައްމަދު ރީހާން އަދި ސ. ހިތަދޫ / ސޯމާ، އުމުރުން 35 އަހަރުގެ ޝަފީޤު އިބްރާހީމެވެ.

މި މައްސަލައާ ގުޅިގެން ކޯޓުއަމުރެއްގެ ދަށުން މި ތިން މީހުން ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައިގެ ތަހުގީގު ނިމިފައިވާ ކަމަށާއި، ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މި މަހުގެ 9ވަނަ ދުވަހު ފޮނުވާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.