ޓުއަރިޒަމް

ފަސް ލައްކަވަނަ ފަތުރުވެރިޔާ އަށް ރާއްޖެއިން ހޫނު މަރުހަބާއެއް


ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި 500،000ވަނަ ފަތުރުވެރިޔާއަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ރާއްޖެއަށް ޒިޔާރަތްކުރި ފައްސަތޭކަހާސްވަނަ ފަތުރުވެރިޔާއަކީ އާއިލާއާއެކު ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައި ފަތުރުވެރިއެކެވެ.

މިއަދު ހަވީރު އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސި އެމިރޭޓްސްގެ ފްލައިޓުން ރާއްޖެ އައި ފަރަންސޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ނިކޮލަސް ލަމްޕެރިން، ރާއްޖެ އައިސްފައިވަނީ  އޭނާގެ އަންހެނުން ސެލިން ލަމްޕެރިން އަދި ކުޑަ ދަރިފުޅު ޕޯލް އާއި އެކު ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރުމަށެވެ. އެ ދެމަފިރިން މީގެ ކުރިންވެސް ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އެމީހުންގެ މި ދަތުރާއި ގުޅޭގޮތުން ނިކޮލަސް ބުނީ ރާއްޖެއަށް އަންނަން ނިންމީ މީގެ 2 ދުވަސް ކުރިން ކަމަށާއި އެގޮތަށް ނިންމުން އެއީ އެމީހުންގެ ނަސީބުކަމަށެވެ.

img:http://s3.psmnews.mv/images/660x400/14648016426861.jpg|ރާއްޖެއަށް ޒިޔާރަތްކުރި ފަސްލައްކަވަނަ ފަތުރުވެރިޔާގެ އާއިލާ- ފޮޓޯ: ޕީއެސްއެމް

މޯލްޑިވްސް މަރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، ކުރިއަށް ގެންދާ މި ހަރަކާތުގައި ރާއްޖެއަށް ޒިޔާރަތްކުރި 500،000 ވަނަ ފަތުރުވެރިޔާއަށް ވަނީ ރާއްޖޭގެ މަތީ ފެންވަރުގެ ރިސޯޓަކުން 7 ދުވަހުގެ ހުރުމާއި ރާއްޖެއަށް ދެކޮޅު ޓިކެޓެ ދީފައެވެ. އެމްއެމްޕީއާރުސީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ ހާރިސް މުޙައްމަދު ވިދާޅުވީ މި ހަރަކާތުގެ އެއްމެ ބޮޑު އެއް ބޭނުމަކީ ފަތުރުވެރިން އެބުރި ޤައުމަށްގޮސް ރާއްޖޭގައި ކުރެވުނު މި ތަޖުރިބާ ރާއްޓެހިންނާއި އާއިލާ މީހުންނާއި ހިއްސާކޮށް، ރާއްޖެއަށް މައްޝޫރުކަން ލިބުން ކަމަށެވެ.

 ހާރިސް ވިދާޅުވީ މިއަހަރު ހާސިލްކުރަން އަމާޒްކޮށްފައިވާ އަދަދު ކަމަށްވާ 1.5 މިލިއަން ފަތުރުވެރިންގެ އަމާޒް ހާސިލްކުރެވޭނެ ކަމަށާއި މަސައްކަތް ކުރަމުންދަނީ އެ އަދަދަށް ވުރެއް ގިނައިން ފަތުރުވެރިން ގެނައުމަށްކަމަށެވެ.

މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ކޮންމެ 500،000ވަނަ ފަތުރުވެރިއެއް ހޮވާ އެކަން ފާހަގަކުރުމަށް އެމްއެމްޕީއާރުސީން ވަނީ ނިންމާފައެވެ. އެގޮތުން ދެން ހޮވާނީ އެއްލިމިއަން ވަނަ ފަތުރުވެރިޔާއެވެ.