ޚަބަރު

ކުންފުނިތަކުގެ ޚާއްޞަ އާންމު ޖަލްސާ ބާއްވަންދޭ މުއްދަތު 10ދުވަހަށް ކުރުކުރަން ޤާނޫނަށް އިސްލާޙެއް


  • މި އިސްލާހުގެ ދަށުން 10 ދުވަހުގެ ތެރޭގައި ހާއްސަ އާންމު ޖަލްސާ ބާއްވަން ޖެހޭ

  • މީހާރު ޤާނޫނު އޮންނަ ގޮތުން ޖަލްސާ ބޭއްވުމަށް 3 މަސް ދުވަހުގެ މުހުލަތެއް ލިބޭ

ކުންފުނިތަކުގެ ޚާއްޞަ އާންމު ޖަލްސާ ބޭއްވުމަށް ދޭ މުއްދަތު ކުރުކުރަން ނިންމައި ކުންފުނީގެ ޤާނޫނަށް ހުށައެޅި އިޞްލާހު، މާދަމާ ބާއްވާ ދައުރުން ބޭރު ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށެހެޅުއްވީ، ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރެވެ. މި އިސްލާހު ހުށައެޅުއްވި މަޤްޞަދުކަމަށް ބަޔާންކޮށްފައިވަނީ، ކުންފުންޏެއްގެ ޚާއްޞަ އާންމު ޖަލްސާ ބޭއްވުމަށް ފުރިހަމަ ކުރަންޖެހޭ އިޖުރާޢަތްތަކަށް ބަދަލު ގެނައުންކަމަށް އިޞްލާހުގައިވެއެވެ. މި އިސްލާހުގެ ފުރަތަމަ ކިއުން މަޖިލީހުގެ ދައުރުން ބޭރުގައި ބޭއްވި ފުރަތަމަ ޖަލްސާގައި ވަނީ އިއްވާފައެވެ.

ކުންފުނީގެ ޤާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހުގައި ކުންފުންޏެއްގެ ޚާއްޞަ އާންމު ޖަލްސާއެއް ބާއްވަން އެދިއްޖެ ހާލަތެއްގައި، ޖަލްސާ ބޭއްވުމަށް އެދި ލިއުން ލިބޭތާ 3 ދުވަހުގެ ތެރޭގައި ޖަލްސާއަށް ދައުވަތު ދޭން ޖެހެއެވެ. އަދި 10 ދުވަހުގެ ތެރޭގައި ޖަލްސާ ބާއްވަން އިސްލާޙުގައި ވަނީ ހުށަހަޅާފައެވެ. މިހާރު ޤާނޫނު އޮންނަ ގޮތުން ޖަލްސާ ބޭއްވުމަށް ދައުވަތު ދޭން ޖެހެނީ ލިޔުން ލިބޭތާ 21 ދުވަހުގެ ތެރޭގައެވެ. އަދި ޖަލްސާ ބޭއްވުމަށް 3 މަސް ދުވަހުގެ މުހުލަތެއް ދީފައި އޮވެއެވެ.

މީގެ އިތުރުން ކުންފުންޏެއްގެ ޚާއްޞަ އާންމު ޖަލްސާއެއް ބާއްވާނަމަ ކުންފުނީގެ މެންބަރުންނަށް 7 ދުވަސް ކުރިން ނޯޓިސް ފޮނުވުމަށްވެސް އިސްލާހުގައިވަނީ ހިމަނާފައެވެ. މީގެ ކުރިން މި ނޯޓިސް ދިނުމަށް ދޭން ޖެހެނީ 14 ދުވަސް ކުރިންނެވެ.

ކުންފުނީގެ ޤާނޫނަށް ހުށައަޅާފައިވާ އިސްލާޙުގައި ޕަބްލިކް އަދި ޕްރައިވެޓް ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އިތުރު ކުރުމުގެ ފުރުސަތުވެސް ވަނީ ފަހިކޮށްދީފައެވެ.

މިއާއެކު ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި މެންބަރުން މަދުކަމަށް ފާހަގަވެ އެޢަދަދަށް ޑިރެކްޓަރުން އައްޔަން ކުރުމަށް ރެޖިސްޓްރަރ އޮފް ކޮމްޕެނީސް އެންގުމުން 10 ދުވަހުގެ ތެރޭގައި އެ ޢަދަދަށް ބޯޑަށް މެންބަރުން އައްޔަން ކުރަން ޖެހޭ ގޮތަށް އިޞްލާޙުގައި ބަޔާންކުރެއެވެ. މިހާރު އޮންނަ ގޮތުން ބޯޑު މެންބަރުންގެ ޢަދަދު ހަމަކުރަން 30 ދުވަހުގެ މުހުލަތެއް ލިބެއެވެ. އައު އިސްލާހުގައި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމު ހުސްވެފައިވާ ނަމަވެސް ރެޖިސްޓްރަރ އޮފް ކޮންމެނީސް އެކަން އަންގާތާ 10 ދުވަހުގެ ތެރޭގައި މަޤާމަށް މީހަކު އައްޔަން ކުރަން ޖެހޭނެކަމަށް މި އިސްލާހުގައި ބަޔާން ކުރެއެވެ.

ކުންފުނީގެ އައު ޤާނޫނަށް ޢަމަލު ކުރަން ފަށާފައިވަނީ މިއަހަރު ޖެނުއަރީ މަހުއެވެ. އައު ޤާނޫނެއް މަޖިލީހުން ފާސްކުރީ، ކުރިން ޢަމަކުކުރަމުން އައި ޤާނޫނަކީ 1996 ވަނަ އަހަރު ވުޖޫދު ކުރެވުނު ޤާނޫނަކަށްވެފައި، ކުންފުނިތަކަށް ޒަމާނީ އޮނިގަނޑެއް ގެނެސް، އޭގެ ދަށުން ކުންފުނިތައް ހިންގުމުގެ ފުރުސަތު ދިނުމަށެވެ.