ސިޔާސީ

އިދިކޮޅު ކޯލިޝަނަކީ ސަރުކާރަށް އޮތް ގޮންޖެހުމެއް ނޫން- މިނިސްޓަރ


ސިޔާސީ އިދިކޮޅު ބައެއް ފަރާތްތައް ގުޅިގެން އުފެއްދި ކޯލިޝަނަކީ ސަރުކާރަށް އޮތް ގޮންޖެހުމެއް ނޫންކަމަށް ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ދިވެހި ޚާރިޖިއްޔާގައި ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ދުންޔާ ވިދާޅުވީ، ޑިމޮކްރަސީއެއްގައި ސިޔާސީ ޙަރަކާތްތައް ކުރިއަށް ގެންދާނެކަމަށެވެ. ވެރިކަން ކުރާފަރާތުން ވަރުގަދަ ސަރުކާރެއް ޤާއިމުކުރައްވާފައިވާއިރު، އިދިކޮޅު ފަރާތްތަކުން އިއްތިހާދެއް ހެދުމަކީ އާ ކަމެއް ނޫންކަމަށް ދުންޔާ ވިދާޅުވިއެވެ. އަދި މިއީ ރާއްޖޭގެ ތާރީޚުން ވެސް އަދި އެހެން ޤައުމުތަކުން ވެސް ފެންނަ ކަމެއްކަން ފާހަގަކުރައްވާ ޚާރިޖީވަޒީރު ވިދާޅުވީ، އިދިކޮޅު ކޯލިޝަނެއް ހެދުމަކީ ސަރުކާރަށް އޮތް ގޮންޖެހުމެއް ނޫންކަމަށެވެ.

އިދިކޮޅު ފަރާތްތަކާއެކު މަޝްވަރާއަށް ދާން ސަރުކާރުން މީގެ ކުރިން ވެސް ގޮވާލާފައިވާކާން ފާހަގަކުރައްވާ ދުންޔާ ވިދާޅުވީ، ޚިޔާލު ތަފާތުވުންތައް ހައްލު ވެގެން ދާނީ މަޝްވަރާގެ މޭޒުންކަމަށެވެ. ނަމަވެސް މަޝްވަރާތަކުގައި ބައިވެރިވުމުގެ ރޫހު ފެންނަމުން ނުދާކަމަށް ދުންޔާ ވިދާޅުވިއެވެ. އިދިކޮޅު ފަރާތްތަކުން އިއްތިހާދެއް އުފެއްދިކަމުގެ ޚަބަރު، މީޑިއާގެ ޒަރިއްޔާއިން އެނގިވަޑައިގެންފައި ވީނަމަވެސް އެކަމުގެ މާބޮޑު ތަފްޞީލެއް ލިބިވަޑައިގެންފައި ނުވާކަމަށް ޚާރިޖީވަޒީރު ދުންޔާ މައުމޫން ވިދާޅުވިއެވެ. ދުންޔާ ވިދާޅުވީ، ރައީސް ނަޝީދަށް ހިމާޔަތް ދިންތޯ ސާފުކުރުމަށް އިނގިރޭސި ސަރުކާރުގައި ދަންނަވާފައިވީނަމަވެސް ރަސްމީކޮށް އެއްވެސް ޖަވާބެއް އަދި މިހާތަނަށް ލިބިވަޑައިގެންފައި ނުވާކަމަށެވެ. ރާއްޖޭގެ ސިޔާސީ އިދިކޮޅު ބައެއް ފަރާތްތަކުން ލަންޑަންގައި ތިއްބަވައިގެން ވަނީ އިއްޔެ ކޯލިޝަނެއް އެކުލަވާލާފައެވެ.

މިއަދުގެ ޕްރެސް ކޮންފަރެންސްގައި ދުންޔާ ވަނީ ރާއްޖެއާއި އީރާނާ ދެމެދުގައި އޮތް ސިޔާސީ ގުޅުން ކަނޑާލި މައްސަލައާއި ގުޅޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ. މިނިސްޓަރ ދުންޔާ ވިދާޅުވީ، އީރާނާއެކު އޮތް ގުޅުން ކަނޑާލަން ސަރުކާރުން ނިންމެވީ ސަޢޫދީއަރަބިއްޔާގެ އެއްވެސް ނުފޫޒެއް އޮވެގެން ނޫންކަމަށެވެ. އަދި ދިވެހިރާއްޖެ އަކީ މިނިވަން ޤައުމެއްކަމަށާއި، ގުޅުން ބަދަހި ކުރުމާއި އެގުޅުން ކަނޑާލުމަކީ އަމިއްލައަށް ނިންމަވާާ ނިންމެވުމެއް ކަމަށެވެ.

ރާއްޖެއިން ޤަބޫލްކުރާގޮތުގައި އީރާންގެ ސިޔާސަތުތަކާއި ޢަމަލުތައް ހުރީ އަރަބި ގަލްފު ސަރަހައްދުގައި ގޮންޖެހުންތައް ކުރިމަތިވާ ގޮތަށްކަމަށްވެސް މިނިސްޓަރ ދުންޔާ ވިދާޅުވިއެވެ. ރާއްޖެއަކީ، އޯ.އައި.ސީގެ މެމްބަރު ޤައުމަކަށް ވެފައި،  ރާއްޖެއިން އަބަދުވެސް ދެކެން ބޭނުންވަނީ އޯ.އައި.ސީއިން ގޮވާލާފައިވާ ކަންތައްތައް ފުރިހަމައަށް، އަދި ނަތީޖާ ނެރެވޭނެ ގޮތަކަށް، އީރާނުން ތަންފީޒުކުރުން ކަމަށްވެސް ދިވެހި ޚާރިޖިއްޔާއިން ވިދާޅުވެފައިވެއެވެ.

ދިވެހިރާއްޖެ އާއި އީރާނާއިއެކު އޮތް ޑިޕްލޮމެޓިކް ގުޅުން ދިވެހި ސަރުކާރުން ކަނޑާލާފައިވަނީ މޭ މަހުގެ ސަތާރަ ވަނަ ދުވަހުގައެވެ. ދިވެހި ސަރުކާރުން މިގޮތަށް ނިންމެވީ، ޢަރަބި ގަލްފު ސަރަޙައްދުގެ ހަމަޖެހުމާއި ސުލްޙަ ދެމެހެއްޓުމަކީ، ރާއްޖޭގެ ސަލާމަތާއި ހަމަޖެހުމާވެސް ގުޅިފައިވާ ކަމަކަށްވާތީ އާއި ނަމަވެސް، އެސަރަޙައްދުގެ ސުލްޙައަށް އީރާނުން ހުރަސްއަޅަމުން ގެންދާ ދިއުމަކީ ރާއްޖެއިން އެކަން ކުށްވެރިކުރާ ކަމެއް ކަމަށްވާތީ ކަމަށް ދިވެހި ޚާރިޖިއްޔާއިން ވިދާޅުވެއެވެ.