ޚަބަރު

މާރަންދޫ ކައުންސިލުގެ ބައި-އިލެކްޝަން ޕީއެންސީގެ ކެންޑިޑޭޓް ކާމިޔާބުކުރައްވައިފި


  • ޕީއެންސީގެ ކެންޑިޑޭޓް އިންތިޚާބު ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް

  • ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށްދިޔައީ ހެނދުނު 8 އިން ހަވީރު 4 އަކަށް

ހ.އ މާރަންދޫ ކައުންސިލްގެ ބައި-އިލެކްޝަން ޕީއެންސީން ވާދަކުރި ކުރި ކެންޑިޑޭޓު އަބްދުލްޙަމީދު އަބްދުއްސައްތާރު ކާމިޔާބުކުރައްވައިފިއެވެ.

އޭނާ މި ބައި-އިލެކްޝަން ކާމިޔާބުކޮށްފައިވަނީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓާއި ވާދަކޮށެވެ. އަބްދުލްޙަމީދު މި އިންތިޚާބު ކާމިޔާބުކުރުމާގުޅިގެން ވެރިކަން ކުރާ ޕީއެންސީއިން ވަނީ އޭނާއަށް މަރުޙަބާ ވިދާޅުވެފައެވެ.

ހއ. މާރަންދޫ ކައުންސިލަށް މެންބަރަކު ހޮވުމަށް ބޭއްވި މި ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށްގެންގޮސްފައިވަނީ މިއަދު ހެނދުނު 8 އިން ހަވީރު 4 އަކަށެވެ. އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މި އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު 736 މީހަކަށް ލިބެއެވެ. އެގޮތުން ވަގުތު ހަމަވުމާއި ހަމައަށް ވޯޓުލާފައިވަނީ 560 މީހުންނެވެ.

މާރަންދޫ ކައުންސިލަށް މެންބަރަކު އިންތިޚާބުކުރުމަށް ބައި-އިލެކްޝަނެއް ބާއްވާފައި މިވަނީ އެކައުންސިލްގެ ނައިބު ރައީސްކަމުގައި ހުންނެވި އަހުމަދު ރަމީޒު މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހު ނިޔާވުމާއި ގުޅިގެންނެވެ.