ކުދިފަންތިއާއި މެދުފަންތީގެ ވިޔަފާރިތަކަށް ފަހި ފުރުޞަތުތަކެއް ހޯދައި ދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ ޔަޤީންކަން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ދެއްވައިފިއެވެ.
ވަޒީރު މި ޔަޤީންކަން ދެއްވީ އައްޑޫ ސިޓީގެ ވިޔަފާރިވެރިންނަށް ހުރި ގޮންޖެހުންތައް ދެނެގަނެ އެެކަންކަން ހައްލު ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން، އެ ސަރަޙައްދުގެ ވިޔަފާރިވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި ވިޔަފާރިވެރިން މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ، ވިޔަފާރިތައް ކުރިއެރުވުމަށް ހުރި ފުރުޞަތުތަކާއި، ސަރުކާރުން އައްޑޫ ސިޓީގައި ކުރިއަށް ގެންދާ މަޝްރޫއުތައް ބާރު ސްޕީޑެެއްގައި ކުރިއަށް ގެންދެވޭނެ ގޮތްތަކާއި ގުޅޭގޮތުންކަމަށް ވިޔަފާރިއާ ބެހޭ ވުޒާރައިން ވިދާޅުވެއެވެ.
އައްޑޫސިޓީގެ ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު ވަނީ އައްޑޫސިޓީގައި ސަރުކާރުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތު ވިޔަފާރިވެރިންނާ ހިއްސާ ކުރައްވާފައެވެ.
މި ބައްދަލުވުމުގައި ވަޒީރު ސަޢީދު ވަނީ ރާއްޖޭގެ އިޤްތިޞާދުގައި އައްޑޫސިޓީގެ ވިޔަފާރިވެރިން އަދާކުރާ މުހިންމު ދައުރު ފާހަގަ ކުރައްވާ، ވިޔަފާރިތަކާ ގާތުން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ސަރުކާރުން އެ ސަރަޙައްދުގައި ކުރިއަށް ގެންދާ މަޝްރޫޢުތައް އަވަހަށް ނިންމައި ރައްޔިތުންނަށް އޭގެ މަންފާ އެންމެ ފުރިހަމަ ގޮތުގައި ލިބޭނެ މަގު ފަހިކޮށްދެއްވުމަކީ ސަރުކާރުގެ އަމާޒެއްކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
އައްޑޫ ސިޓީގައި ތަފާތު އެކި ވިޔަފާރިތައް ޙަރަކާތްތެރިވަމުންދާކަން ފާހަގަކުރައްވައި ވަޒީރު ވަނީ ކުދިފަންތިއާއި މެދުފަންތީގެ ވިޔަފާރިތަކަށް ފަހި ފުރުޞަތުތަކެއް ހޯދައި ދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވާނެކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ. އަދި ވިޔަފާރިތަކަށް ފުރުޞަތުތައް ފަހި ކޮށްދިނުމަށްޓަކައި ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ދެނެގަނެ، އެކަންކަން ފަހި ކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި، ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޟިޔާއު މުޙައްމަދާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
ރާއްޖޭގެ އިޤްތިޞާދުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދައުރު ފުޅާކޮށް، އެ ވިޔަފާރިތަކަށް އެހީތެރިވުމަށްޓަކައި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ދަނީ މުހިންމު މަސައްކަތްތަކެއް ކުރައްވަމުންނެވެ.