ޚަބަރު

އަލި ގަދަ ތަރީގެ މާލެ އޮޑިޝަން ފަށައިފި


ރަމަޟާން މަހު ޕަބްލިކް ސަރވިސް މީޑިއާއިން ގެނެސްދޭ އެންމެ ބޮޑު ޝޯވ، ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރީގެ މާލޭގެ އޮޑިޝަންތައް ފަށައިފިއެވެ.

މި ޕްރޮގްރާމްގެ ފައިނަލް އޮޑިޝަން މިއަދު ފަށާފައިވާއިރު، އޮޑިޝަންތައް ކުރިއަށްދަނީ ޕީއެސްއެމްގެ ޓީވީއެމް ބިލްޑިންގގައެވެ. މާދަމާގެ ނިޔަލަށް ކުރިއަށްދާ މާލޭ އޮޑިޝަންގައި ބައިވެރިވާން ބޭނުންވާ ހުރިހާ ފަރާތްތަކަށް ބައިވެރިވެވޭނެއެވެ.

މި ޕްރޮގްރާމްގެ އޮޑިޝަންތައް އެންމެ ފުރަތަމަ ބާއްވާފައިވަނީ ފުވައްމުލަކުގައެވެ. އަދި އެއަށްފަހު، ގދ. ތިނަދޫއާއި ހއ. އިހަވަންދޫގައި ވަނީ މި ޕްރޮގްރާމްގެ އޮޑިޝަންތައް ބާއްވާފައެވެ.

ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި ޕްރޮގްރާމް ބާއްވާ މިއީ ހަތަރުވަނަ އަހަރެވެ. މި އަހަރުގެ މުބާރާތުން އެއްވަނަ ހޯދާ ފަރާތަކަށް ފީއެސްއެމްއިން ވަނީ ބައި މިލިއަން ރުފިޔާގެ އިނާމެއް ހުށައަޅާފައެވެ.

މީގެ އިތުރުންވެސް، މި ޕްރޮގްރާމަށް ހެޔޮއެދޭ ފަރާތްތަކުންވެސް އެކި އެކި އިނާމްތައް ހުޅައަޅަމުން ގެންދާކަމަށް ޕީއެސްއެމްއިން ބުނެއެވެ. މިއީ މި މުބާރާތް ބާއްވަން ފެށިފަހުން މިހާތަނަށް އެންމެ ބޮޑު ފައިސާގެ އިނާމެއް ހުށައަޅާ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ. އަލިގަދަ ތަރި ޕްރޮގްރާމްގެ ސްޕޮންސަރަކީ އެލައިޑް އިންޝުއަރެންސްގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްއެވެ. އަދި، ކޯ ސްޕޮންސަރ ޕްލަސްއަކީ އެމްއެޗްއޭއެވެ.

މި ޕްރޮގްރާމަކީ ޤުރުއާން ކިޔެވުމުގެ ހުނަރާއި، ޤުރާއާނާއިމެދު މުޖުތަމަޢުގައި އޮންނަ ޤަދަރު މަތިކޮށް، ޤުރުއާނާއިމެދު ޢާއްމުންގެ ހިތްތަކުގައި ލޯބި ޖެއްސުމުގެ ގޮތުން ގެނެސްދޭ ޕްރޮގްރާމެކެވެ.