ޚަބަރު

ވެލިދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 6 މީހަކު ހައްޔަރުކޮށްފި


  • އޮޕަރޭޝަންގައި މަސްތުވާތަކެތީގެ އިތުރުން 50000 އަށް ވުރެ ގިނަ ދިވެހި ރުފިޔާއާއި ޔޫއެސްޑޮލަރު ފެނިފައިވޭ

ނ. ވެލިދޫގައި ހިންގި މަސްތުވާތަކެތިގެ އޮޕަރޭޝަނުގައި ފުލުހުން ބަޔަކު ހައްޔަރުކޮށްފިއެވެ.

ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ނޯތު ޕޮލިސް ފުލުހުން ގުޅިގެން މި ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ވެލިދޫގެ ބައެއް ގޭގޭ ބަލާފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެތަކެތީގެ ވަގުތީ ބަރުދަނަކީ 1547.44 ގްރާމެވެ. އޭގެ އިތުރުން 50000 އަށް ވުރެ ގިނަ ދިވެހި ރުފިޔާއާއި ޔޫއެސްޑޮލަރު ފެނިފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މި އޮޕަރޭޝަނުގައި 7 މީހުން ހައްޔަރުކޮށް އެމީހުންގެ ބަންދާމެދު ގޮތެެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެކަކު ދޫކޮށްލާފައިވާކަމަށެވެ. ދެންތިބި 6 މީހުންގެ ތެރެއިން އެކަކު 8 ދުވަހަށް އަދި 5 މީހުން 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

8 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ އަޙްމަދު މުރުޝިދު (35އ) އެވެ. 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ ޢަބްދުﷲ ނިޝާދު (26އ)، އަޙްމަދު އަޞީމް (26އ)، އަޙްމަދު ނައުޝާދު (28އ)، ޢަލީ ރަޝީދު (30އ) އަދި މުޙައްމަދު މާޢިދު (28އ) އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.