ޚަބަރު

ހިޔާ ފްލެޓްގައި އެހީއަށް އެދުނު އަންހެނަކު ސަލާމަތްކޮށް ދެ މީހަކު ހައްޔަރުކޮށްފި


  • ހައްޔަރުކުރީ ދެ ފިރިހެނުން

ހިޔާ ފްލެޓް އެޕާޓްމަންޓެއްގައި އެހީއަށް އެދުނު އަންހެނަކު ސަލާމަތްކޮށް ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ހ. ލާމިޔާ، މާލެ އުމުރުން 20 އަހަރުގެ އަހްމަދު އުވައިސްއާއި، މއ. ތްރީމޫންސް، މާލެ އުމުރުން 39 އަހަރުގެ މުހައްމަދު މުމީތެވެ.

ފުލުހުން ވިދާޅުވީ ރޭ ދަންވަރުގެ ވަގުތެއްގައި ހިޔާ ފްލެޓްގެ އެޕާޓްމަންޓެއްގައި ސަލާމަތް ކުރުމަށް އެދި އަންހެނަކު ގޮވާ، ރޯ އަޑު އިވުމުން ފުލުހުން އެތަނަށް ގޮސް ދޮރު ހުޅުވުމަށް ބުނުމުން، ފިރިހެނަކު ދޮރު ހުޅުވުމަށްފަހު ކަމެއް ނުހިނގާކަމަށް ބުނެ ދޮރު ލައްޕާ ތަޅުލި ކަމަށެވެ. އަނެއްކާވެސް އެ އަންހެންމީހާ ސަލާމަތަށް އެދި ހަޅޭލެވުމުން ދޮރު ހުޅުވުމަށް ތަކުރާރުކޮށް ފުލުހުން އެންގުމުންވެސް ދޮރު ނުހުޅުވުމުން ބާރުގެ ބޭނުންކޮށް ދޮރު ހުޅުވާ އެޕާޓްމަންޓަށް ފުލުހުން ވަދެ އަންހެން މީހާ ސަލާމަތްކުރިކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ތަހުޤީޤު ކުރަމުންދާކަމަށް ފުލުހުންގެ ހިދުމަތުން ވިދާޅުވިއެވެ.