ރާއްޖެއާއި ޗައިނާއާދެމެދު ދެޤައުމުގެ ފައިސާއިން މުޢާމަލާތުކުރަން ފެށުމުން، ޗައިނާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުވެ ފަތުރުވެރިކަމުން ރާއްޖެއަށް ކުރާ މަންފާ ވަރަށް ބޮޑަށް އިތުރުވެގެންދާނެކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ. ޗާއިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމެވެ.
ރާއްޖެއާއި ޗައިނާގެ ޕީޕަލްސް ބޭންކް އޮފް ޗައިނާ، ޕީބީއޯސީއާއި ދެމެދު އެއްބަސްވެފައިވަނީ ކަރަންޓް އެކައުންޓް މުޢާމަލާތްތައް ދެ ޤައުމުގެ ފައިސާއިން، ކުރެވޭނެގޮތަށެވެ. މި އެއްބަސްވުމުގެ އެންމެ ބޮޑު ފައިދާއަކީ ޑޮލަރަށް ބަރޯސާވުން ކުޑަވެ ދިވެހި ފައިސާގެ އަގު އުފުލުމެވެ.
ޗައިނާއާއެކު ވެފައިވާ އެއްބަސްވުމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުގެ އިތުރުން ޗައިނާއަކީ ފަތުރުވެރިކަމާ ގުޅުންހުރި ވަރަށް ގިނަ ވިޔަފާރީގެ މުޢާމަލާތްތައް ދިވެހިރާއްޖެއިން ކުރާ ޤައުމެއްކަމަށެވެ. އަދި ވިޔަފާރިތަކަށް ބޭނުންވާ ވަރަށް ގިނަ މުދަލުގެ މުއާމަލާތްތައް ކުރާ ޤައުމެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
Local Currency Settlement framework agreement marks an important milestone on HEP's policy on strengthening economic ties with China.
— Ibrahim Faisal (@ifaisalofficial) September 13, 2024
This will make payments easier for Chinese tourists, boost arrivals and benefit the tourism sector and industries reliant on trade with China. pic.twitter.com/XP1MhQHz3j
ރާއްޖެއާއި ޗައިނާއާދެމެދު ދެޤައުމުގެ ފައިސާއިން މުޢާމަލާތުކުރަން ފެށުމުން، ރާއްޖެ އަންނަ ފަތުރުވެރިން ކުރާ ފައިސާގެ މުޢާމަލާތްތައް ފަސޭހަވެ، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މުޅި މި ސިނާޢަތަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ފަތުރުވެރިކަމާ ގުޅޭ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 1.4 މިލިއަނަށް އަރާފައެވެ. މިއަހަރު މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީވެސް ޗައިނާއިންނެވެ. އެގޮތުން އެޤައުމުން މިއަހަރުގެ މިހާތަނަށް ވަނީ 204،832 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.