ތިމާވެށި

އުތުރުގައި ކުނި ނައްތާލާ ނިޒާމެއް ޤާއިމްކުރަން ލޯނު ލިބިއްޖެ


އުތުރުގެ 3 އަތޮޅުގައި ސަރަޙައްދީ ކުނި ނައްތާލާ ނިޒާމެއް ޤާއިމް ކުރެއްވުމަށް އޯޕެކް ފަންޑް ފޮރ ޑިވެލޮޕްމަންޓް، އޮފިޑުން ލޯން އެހީ ލިބިފައިވާކަމަށް ތިމާވެއްޓާ ބެހޭ ވަޒީރު ތާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ހއ، ހދ އަދި ށ އަތޮޅުގައި ކުރިއަށްގެންދަވާ މި މަޝްރޫޢަކީ ރ. ވަންދޫގައި ކުރިއަށްގެންދަވާ ނ، ރ، ބ އަދި ޅ ހިމެނޭ ސަރަޙައްދުގެ ކުނި ނައްތާލާ ނިޒާމާ އެއްގޮތަށް ފަރުމާކުރެވިގެން ކުރިއަށް ގެންދަވާ މަޝްރޫޢެކެވެ.

ތިމާވެއްޓާ ބެހޭ ވުޒާރާއިން މިހާރުވެސް ދަނީ އެ ސަރަޙައްދުގައި ކުނި ނައްތާލާ މައި މަރުކަޒު ޤާއިމް ކުރާނެ ރަށެއް ކަނޑައެޅުއްވުމަށް ދިރާސާ ކުރައްވަމުންނެވެ. ތިމާވެއްޓާ ބެހޭ ވަޒީރު ތާރިޤް އިބްރާހީމް ވިދާޅުވީ، އެންމެ އުތުރުގެ ކުނި ނައްތާލާ މަޝްރޫޢަށް އޮފިޑުން ފޯރުކޮށްދޭން ހަމަޖެހިފައިވަނީ ޖުމްލަ ފަންޑުގެ އެއްބައި ކަމަށެވެ. އަދި ސަރުކާރުގެ ބަޖެޓުންވެސް މި މަޝްރޫޢަށް ފަންޑު ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14621853908814.jpg|ރ.ވަންދޫގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރިއަށްދަނީ - ފޮޓޯ: ޕީއެސްއެމް

މި މަޝްރޫޢުގެ ދަށުން ހއ، ހދ އަދި ށ އަތޮޅުގައި މީހުން ދިރިއުޅޭ 42 ރަށެއްގައި އުފެދޭ ކުނި، އަދި ރިސޯޓްތަކުގައި އުފެދޭ ކުނި ސަރަޙައްދީ ކުނި ނައްތާލާ ރަށަށް ގެންގޮސް ނައްތާލެވޭނެއެވެ. 

ސަރުކާރުން މިހާރު ދަނީ ގއ، ގދ، ޏ އަދި ސ ހިމެނޭ ދެކުނު ސަރަޙައްދުގައިވެސް މި ކޮންސެޕްޓަށް ކުނި ނައްތާލުމުގެ ނިޒާމެއް ޤާއިމް ކުރެއްވުމަށް ތައްޔާރުވަމުންނެވެ. އެގޮތުން އެ ސަރަހައްދުގައި އުފެދޭ ކުނި ނައްތާލާ މައި މަރުކަޒު އައްޑޫ ސިޓި ހިތަދޫގައި ޤާއިމް ކުރެއްވުމަށް ހަމަޖެހިފައިވާއިރު، މިހާރުވެސް ވަނީ ފުވައްމުލަކާއި، އައްޑޫ ސިޓީގެ ކުނި ކޮށިތައް މެނޭޖްކޮށް އަޕްގްރޭޑް ކުރުމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ޙަވާލުކުރައްވާފައެވެ.