ޚަބަރު

ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލުމަށް މަޝްވަރާކުރަނީ


ނ، ރ، ބ، އަދި ޅ އަތޮޅު ހިމެނޭ އުތުރު ސަރަޙައްދުގައި ކުރިއަށްގެންދާ ކުނި ނައްތާލުމުގެ މަޝްރޫޢަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދެވޭ މަޝްރޫޢަކަށް ހެދުމުގެ ގޮތުން، އެ ސަރަޙައްދުގެ ރިސޯޓްތައް ބައިވެރިކޮށްގެން މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވެވުމަށް ނިންމަވައިފިއެވެ. 

މި ބައްދަލުވުންތައް މިފެށޭ ޖޫންމަހުގެ ތެރޭގައި ބޭއްވުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މިއީ ވަންދޫގައި ޤާއިމްކޮށްފައިވާ ކުނި މެނޭޖްކުރާ ނިޒާމު އޮޕަރޭޓް ކުރަން ފެށުމުގެ ކުރިން، އެ ސަރަޙައްދުގައި ހިމެނޭ 22 ރިސޯޓުން، ކުނި މެނޭޖްކުރުމުގައި ހަރަކާތްތެރިވާނެ ގޮތްތަކާއި، ދެމެހެއްޓެނިވި ގޮތެއްގައި މަޝްރޫޢު ކުރިއަށްގެންދިއުމަށް ރާވާފައިވާ ކަންތައްތަކާ ގުޅޭގޮތުން ބާއްވަވާ ބައްދަލުވުމެކެވެ. 

އުތުރު ސަރަޙައްދުގެ ކުނި މެނޭޖްކުރުމުގެ ޕްރޮޖެކްޓްގެ ކޯޑިނޭޓަރ އަހުމަދު ނިޒާމް ވިދާޅުވީ، އުތުރު ސަރަޙައްދުގެ 22 ރިސޯޓަށް ބަލާއިރު، ގިނަ ރިސޯޓްތަކަކީ ކުނި މެނޭޖްކުރާ ކުދި އިންސިނެރޭޓަރު ހުރި ތަންތަން ކަމުގައި ވިޔަސް، ވަންދޫ މަޝްރޫޢު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމުގައި ރިސޯޓްތަކުގެ ދައުރު ބޮޑު ކަމަށެވެ.

އުތުރު ސަރަޙައްދުގެ ކުނި މެނޭޖްކުރުމަށް 250 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢުގެ ދަށުން ރ.ވަންދޫގައި މިހާރު ވަނީ ކުނި ނައްތާލާ މައި މަރުކަޒު ޤާއިމްކޮށްފައެވެ. އަންނަ ޖޫންމަހުގެ ތެރޭގައި ކުނި ނައްތާލުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނާ ހަވާލުކުރުމަށް ހަމަޖެހިފައިވާ ކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. 

ނ، ރ، ބ، އަދި ޅ އަތޮޅުގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ ސަބަބުން، އެ ސަރަޙައްދުގައި މީހުން ދިރިއުޅޭ 44 ރަށާއި، 22 ރިސޯޓާއި، އަދި ސިނާޢީ ރަށްތަކުގައި އުފެދޭ ކުނި ރައްކާތެރި ގޮތުގައި ނައްތާލެވިގެންދާނެއެވެ.