ޚަބަރު

ވަކީލުންގެ ފެންވަރު މަތިކުރުމަށް ކުރާ މަސައްކަތްތަކަށް ބަޖެޓުގެ ދަތިކަން ދިމާވޭ: ސިރާޖް


  • ރާއްޖޭގައި ޤާނޫނީ ވަކީލުންނަށް ތަމްރީން ފުރުސަތު ހޯދާދިނުމަށް ދަނީ މަސައްކަތް ކުރަމުން

  • އަދުލު އިންސާފު ޤާއިމުކުރެވޭނީވެސް ވަކީލުންގެ ފެންވަރު މަތިކޮށްގެން

ވަކީލުންގެ ފެންވަރު މަތިކުރުމަށް ކުރާ މަސައްކަތްތަކަށް ބަޖެޓުގެ ދަތިކަން ދިމާވާ ކަމަށް ބާ ކައުންސިލްގެ ރައީސް ހުސައިން ސިރާޖު ވިދާޅުވެއްޖެއެވެ. ސިރާޖު މިހެން ވިދާޅުވީ ބާ ކައުންސިލްގެ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.

ބާ ކައުންސިލްގެ ރައީސް ހުސައިން ސިރާޖު ވިދާޅުވީ ޤާނޫނީ ފަންނުގެ ޤާނޫނާއެކު ޤާނޫނީ ވަކީލުންގެ ފެންވަރު މަތިކޮށް ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ބާ ކައުންސިލުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، ޤާނޫނީ ވަކީލުންނަށް ހުއްދަ ދިނުމުގެ މަރުހަލާތައްވެސް އިތުރުވެފައިވާ ކަމަށާއި އޭގެ ބޭނުމަކީވެސް މުވައްކިލުންނަށް ވަކީލުން ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުންކަން ސިރާޖު ފާހަގަކުރެއްވިއެވެ.

ޤާނޫނީ ދާއިރާއަކީ ގިނަ ބަދަލުތަކާއި އައު ޤާނޫނުތައް އަބަދުވެސް އަންނަ ދާއިރާއެއްކަން ފާހަގަކުރައްވައި ސިރާޖު ވިދާޅުވީ ރާއްޖޭގައި ޤާނޫނީ ވަކީލުންނަށް ތަމްރީން ފުރުސަތު ހޯދާދިނުމަށް ބާ ކައުންސިލްގެ ފަރާތުން ރާއްޖެއާއި ރާއްޖޭން ބޭރުގެ ތަޖުރިބާކާރުންގެ އެހީގައި މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް މި މަސައްކަތުގައި ބަޖެޓުގެ ގޮތުން ދަތިތައް ދިމާވާކަމަށް ވިދާޅުވިއެވެ.

"ވަކީލުންނަށް ބޭނުންވާ އެކިކަހަލަ ހުނަރުތައް އެޑްވޮކަސީ ސްކިލްސް ކަމަށްވިޔަސް ނުވަތަ ކޯޓަށް ހުށަހަޅާ ލިޔުންތަކާއި ޤާނޫނީ ލިޔުންތައް ތައްޔާރުކުރުމުގެ ހުނަރުތައް ކަމަށްވިޔަސް އެކަންތައްތަކަށް ބޭނުންވާ ބަޖެޓަރީ ސަޕޯޓް އެއީ އެއް ގޮންޖެހުން،" ބާ ކައުންސިލްގެ ރައީސް ހުސައިން ސިރާޖު ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ އަދުލު އިންސާފު ޤާއިމުކުރެވޭނީވެސް ވަކީލުންގެ ފެންވަރު މަތިކޮށްގެން ކަމަށެވެ.

"އަޅުގަނޑުމެން އެންމެ ފަހުން ބޭއްވި ވަކީލުން ހުވާކުރުމުގެ ރަސްމިއްޔާތުގައި ހައިކޯޓުގެ ފަނޑިޔާރަކުވެސް ވިދާޅުވި އަދުލު އިންސާފު ޤާއިމުކުރުމުގެ ކަމަކީ ހަމައެކަނި ޝަރީއަތުން ކުރެވޭނެ ކަމެއް ނޫނެކޭ. އެކަމުގައި ވަކީލުންގެ އެހީތެރިކަން ވަރަށް ބޮޑޭ. އެހެންވީމަ ވަކީލުންގެ ފެންވަރު މަތިވާވަރަކަށް ވަކީލުންގެ މަސައްކަތަށް ގާބިލުކަން އިތުރުކުރެވޭވަރަކަށް އަދުލު އިންސާފު ގާއިމުކުރުމުގައި ކޯޓުތަކަށްވެސް ފަސޭހަވެގެންދާނެ. އަދި އަވަސް ވެގެންވެސްދާނެ،" ބާ ކައުންސިލްގެ ރައީސް ހުސައިން ސިރާޖު ވިދާޅުވިއެވެ.

ސިރާޖު ވަނީ އަލަށް ޤާނޫނީ ފަންނާ ގުޅޭ ވަކީލުންނާއި ދާއިރާގައި ދުވަސްވީ ބޭފުޅުން ބާ ކައުންސިލްގެ ކަންކަމުގައި އަމަލީގޮތުން ބައިވެރިވުމަށް އެދިވަޑައިގެންފައެވެ. އަދި ޤާނޫނީ ފަންނުގެ ނަޒާހަތްތެރިކަން ހިފަހައްޓައި ރައޔްިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތެއް ދީ ރައްޔިތުން އިތުބާރުކުރާ ދާއިރާއަކަށް ޤާނޫނީ ފަންނުގެ ދާއިރާ ހެދުމަށް އެއްބާރުލުން ބޭނުންވާކަމަށްވެސް ބާ ކައުންސިލްގެ ރައީސް ހުސައިން ސިރާޖު ވިދާޅުވިއެވެ.