ޚަބަރު

ރޮނާލްޑޯގެ ވާހަކަތައް ޓެން ހާގް ދޮގުކޮށްފި


މެންޗެސްޓާ ޔުނައިޓަށް އިނގިރޭސި ޕްރިމިއަރ ލީގު ނުވަތަ ޔުއެފާ ޗެމްޕިއަންސް ލީގު ހޯދުމަކީ އުނދަގޫ ކަމެއް ކަމަށް ބުނުމާ ގުޅިގެން އެ ޓީމުގެ ކުރީގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ދެއްކި ވާހަކަތައް ކޯޗު އެރިކް ޓެން ހާގް ދޮގުކޮށްފިއެވެ.

ޕްރިމިއާ ލީގުގައި މާދަމާ ސައުތެމްޓަނާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެންހާގް ބުނީ ބޭރު ތެރޭގައި ދެކެވޭ ވާހަކަތަކައް އޭނާ މާ ބޮޑު ސަމާލުކަމެއް ނުދޭ ކަމަށާއި ރޮނާލްޑޯ މިވަގުތު ހުރީ މެންޗެސްޓަރ ޔުނައިޓެޑާއި ވަރަށް ދުރުގައި ސައުދި އަރަބިއްޔާގައި ކަމަށެވެ. އަދި ރޮނާލްޑޯވެސް އެ ކްލަބް މިހާރު އޮތް ހާލަތުން އެ ކްލަބަށް ކާމިޔާބީ ނުލިބޭނެކަމަށް ބުނެފައިވާ ކަމަށްވެސް ޓެންހާގް ވަނީ ބުނެފަ އެވެ.

ޓެންހާގްގެ އިރުޝާދުގެ ދަށުން މެންޗެސްޓަރ ޔުނައިޓެޑާށް އެދެވޭ ކާމިޔާބީއެއް ހޯދިފައިނުވާއިރު, މި ސީޒަނުގައި މިހާތަނަށް ކުޅުނު ތިން މެޗުން އެ ކްލަބަށް ލިބިފައިވަނީ 3 ޕޮއިންޓެވެ. އަދި ތާވަލުގެ 14 ވަނައިގައި މިވަގުތު އޮތް އިރު މާދަމާ ކުޅޭ މެޗުން ބަލިވެއްޖެނަމަ އެކަން ވެގެންދާނީ 1986-87 ގެ ސީޒަނަށްފަހު އެ ޓީމަށް ސީޒަނުގެ ކުރީގައި ހޯދިފައިވާ އެންމެ ދަށް ނަތީޖާ އަށެވެ.

ޓެންހާގް އިތުރަށް ބުނެފައިވަނީ މެންޗެސްޓަރ ޔުނައިޓެޑް މިހާރު އޮތީ ބަދަލުވުމެއްގެ ތެރޭގައި ކަމަށާއި ކްލަބަށް ޒުވާން ކުޅުންތެރިން ބޭނުންވާއިރު އެ ކްލަބުގައި ތިބި މުހިންމު ކުޅުންތެރިންތަކަކަށް އަނިޔާގެ މައްސަލަ ކުރިމަތިވެފައިވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އިޓަލީގެ ޔުވެންޓަސް އަށް ކުޅުމަށްފަހު ރޮނާލްޑޯ ވަނީ ދެވަނަ ފަހަރަށް މެންޗެސްޓަރ ޔުނައިޓެޑާއި ގުޅިފައެވެ. ނަމަވެސް ޖެހުނު މައްސަލަތަކަށްފަހު އޭނާ ވަނީ ޔުނައިޓެޑް ދޫކޮށް ސައުދި އަރަބިއްޔާގެ އަލް ނަސްރު ކްލަބާއި ގުޅިފައެވެ. އަދި އެ މައްސަލަތަކުގެ ތެރޭގައި މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށް ދާން އޭނާއަށް މަޖުބޫރު ކުރުވާ ހާލަތަކަށް ގެންގޮސް އޭނާއަށް އެ ކްލަބުން ބޭވަފާތެރި ވެފައިވާކަމަށް ރޮނާލްޑޯ ވަނީ ބުނެފަ އެވެ.