ކުޅިވަރު

"ބީއޭއެމްގެ ހިންގުން ކުޅިވަރާ ބެހޭ ގައުމީ މަޖިލީހާ ހަވާލުކުރީ އަޅުގަނޑުމެންގެ ތެރެއިން ބެޑްމިންޓަން ގެއްލިގެން ހިނގައިދާނެތީ"


ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) ގެ ހިންގުން ކުޅިވަރާ ބެހޭ ގައުމީ މަޖިލީހާ ހަވާލުކުރީ އަޅުގަނޑުމެންގެ ތެރެއިން ބެޑްމިންޓަން ގެއްލިގެން ހިނގައިދާނެތީ ކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ވިދާޅުވެއްޖެއެވެ. ޠަލާލް މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން، ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މިދިޔަ އޯގަސްޓް މަހުގެ މެދުތެރޭގައި ޠަލާލް ވަނީ ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގުން ވަގުތީ ގޮތުން އެ އެސޯސިއޭޝަންގެ މުއައްސިސް، ކުޅިވަރާ ބެހޭ ގައުމީ މަޖިލީހާ ހަވާލުކުރައްވާފައެވެ. އަދި އެސޯސިއޭޝަންގެ އައު ހިންގާ ކޮމިޓީ އިންތިޚާބު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ މަޝްވަރާއާއެކު ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.

އެ ނިންމުމާ ދެކޮޅަށް ބީއޭއެމްއިން ސިވިލް ކޯޓަށް ވަގުތީ އަމުރެއް ނެރެދިނުމަށް މައްސަލައެއް ހުށަހެޅި ނަމަވެސް، ކޯޓުން ވަނީ އެ އަމުރު ނެރެދެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށް ކަނޑައަޅާފައެވެ. އަދި އެ ނިންމުމާ ގުޅިގެން ރާއްޖެއަށް ފިޔަވަޅު އަޅަން ޖެހިދާނެކަމުގެ އިންޒާރު ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން މީގެ ކުރިން ވަނީ ދީފައެވެ.

ޠަލާލް ވިދާޅުވީ ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގުން ކުޅިވަރާ ބެހޭ ގައުމީ މަޖިލީހަށް ހަވާލުކުރީ ބެޑްމިންޓަން ކުޅޭ ހުރިހާ ކުޅުންތެރިންނާއި، އޮފިޝަލުން އަދި ކޯޗުންގެ ހައްގުގައި، އެ އެންމެންގެ މަސްލަހަތު ހިމާޔަތް ކުރުމަށްޓަކައި ކަމަށެވެ. އަދި އެ ގޮތަށް ފިޔަވަޅު ނާޅައިފިނަމަ، އަޅުގަނޑުމެންގެ ތެރެއިން ބެޑްމިންޓަން ހިނގައިދާނެ ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން ބެޑްމިންޓަންގެ ކަންކަމުގައި އަޅާ ފިޔަވަޅުތަކަކީ، އެހެން ހުރިހާ ކުޅިވަރުތަކެއްގެ ރައްކަލަކަށް ކުރާ ކަމެއް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ޠަލާލް ވިދާޅުވީ ބެޑްމިންޓަންގެ މައްސަލައަށް ހައްލެއް ހޯދަން މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށާއި، އެ ގޮތުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) މެދުވެރިކޮށް، ބީޑަބްލިއުއެފްއާ މުއާމަލާތުކުރަން ފަށާފައިވާ ކަމަށެވެ. އަދި ބެޑްމިންޓަން އެސޯސިެޝަނުގައި ހުރި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތަކީ ބައިނަލްއަގުވާމީ ޖަމިއްޔާތަކަށް ގޮންޖަހައި، މުއްބާރުކޮށްގެން ތިބުން ނޫން ކަމަށާއި، މިއީ ކުޅިވަރުގެ ހައްގުގައި ކުރާ ކަމަކަށް ވުމުން، ގާނޫނާއި ގަވާއިދުގެ ތެރެއިން ދޫދޭން ޖެހޭ ކަމެއްގައި ދޫދޭނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ބީއޭއެމްގެ ހިންގާ ކޮމިޓީގެ މުއްދަތު ހަމަވެފައި އޮންނަތާ ހަ މަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، މިދިޔަ ފަސް ވަރަކަށް މަސް ދުވަހުގެ ތެރޭގައި އެ އެސޯސިއޭޝަނާ ގުޅޭ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއްވެސް ވަނީ ފެންމަތިވެފައެވެ.