ޚަބަރު

ބޭރު ފައިސާއިން އާމްދަނީ ލިބޭ މީހުން އިންކަމް ޓެކްސް ޑޮލަރުން ދައްކާގޮތަށް ހަދައިފި


  • ޓެކްސް ބަޔާނާއި އިންޓެރިމް ބަޔާން ތައްޔާރުކުރަންޖެހޭނީ އެމެރިކާ ޑޮލަރުން

ބޭރު ފައިސާއިން އާމްދަނީ ލިބޭ މީހުން އިންކަމް ޓެކްސް ޑޮލަރުން ދައްކާގޮތަށް ގަވާއިދު އިސްލާހުކޮށްފިއެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދަށް، ދައުލަތުގެ ޓެކްސް އިދާރާ މީރާއިން ގެނައި އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުން ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން އިންކަމް ޓެކްސް ޤާނޫނުގެ ދަށުން ހުށަހަޅާ ޓެކްސް ބަޔާނާއި އިންޓެރިމް ބަޔާން ތައްޔާރުކުރަންޖެހޭނީ އެމެރިކާ ޑޮލަރުންނެވެ. އަދި އެފަދަ ފަރާތްތައް ދައްކަންޖެހޭ އިންޓެރިމް ޕޭމަންޓާއި އިންކަމް ޓެކްސްވެސް އެމެރިކާ ޑޮލަރުން ދެއްކުމަށް ލާޒިމުވާނެއެވެ.

މީގެ އިތުރުން ބޭރު ފައިސާއިން އާމްދަނީ ލިބޭ މީހުންގެތެރެއިން ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިން ޓެކްސް އާއި މުވައްޒަފުންގެ ވިތުހޯލްޑިން ޓެކްސް އަދި ކެޕިޓަލް ގެއިންސް ވިތުހޯލްޑިން ޓެކްސްގެ ބަޔާންތައްވެސް ތައްޔާރުކޮށް ޓެކްސްތައް ދައްކަންޖެހޭނީ އެމެރިކާ ޑޮލަރުން ކަމަށް ގަވާއިދަށް ގެނައި އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.

ވިތުހޯލްޑިން ޓެކްސްތަކާ ގުޅޭގޮތުން ގެނައި ބަދަލާއެކު އެމެރިކާ ޑޮލަރުން ޓެކްސް ދެއްކުމާއި ޓެކްސް ބަޔާން ތައްޔާރުކުރުން ލާޒިމުވާނީ އަންނަ އޮކްޓޯބަރު މަހުގެ 31 އިން ފެށިގެންނެވެ.