ޚަބަރު

ސަރުކާރުން ހުޅުވާލި ފުރުސަތާއެކު މިއަހަރު 2000 ދަރިވަރުން އޭލެވަލްއަށް ކިޔަވާނެ


  • ސަރުކާރުން ވަނީ މަޓީ ސާނަވީއަށް ކުދިން ވައްދާ ކްރައިޓީރީއާ 5 މާއްދާއިން ދަށްކޮށްފައި

  • ސަރުކާރުގެ އަމާޒަކީ އޭލެވެލްގެ ފުރުސަތާއެކު މަތީ ތަޢުލީމު ހޯދާ ކުދިންގެ ނިސްބަތް އިތުރުކުރުން

ސަރުކާރުން ހުޅުވާލި ފުރުސަތާއެކު މިއަހަރު އޭލެވެލްގެ ކިޔެވުން ފެށޭއިރު ސަރުކާރު ސްކޫލްތަކުގައި އަލަށް 2000 ކުދިން ތަޢުލީމު ޙާސިލުކުރަމުންދާނެކަމަށް ތަޢުލީމާބެހޭ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ މިއީ ވޭތުވެދިޔަ އަހަރަށްވުރެ 77 އިންސައްތަ އިތުރު ޢަދަދެއްކަމަށެވެ،

މަތީ އަރުތަވެރީންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ތަޢުލީމާ ބެހޭ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދަށް ސީދާ އަސަރުކުރާ ކަމަކަށް މަތީ ތަޢުލީމު ޙާސިލުކޮށް ވަޒީފާގެ ބާޒާރަށް ނުކުންނަ ދަރިވަރުންވެގެންދާއިރު އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޚާއްސަ އަހަންމިއްޔަތުކަމެއް ދެއްވާކަމެކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުފުޅާއެކު އޭލެވެލް ހަދާ ދަރިވަރުން އިތުރުކުރުމަށް ސަރުކާރުން މަސައްކަތް ފައްޓަވާފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މިގޮތުން މަތީ ސާނަވީއަށް ކުދިން ވައްދާ ކްރައިޓީރީއަށް ބަދަލުތަކެއް ގެނެސް ކުދިންނަށް ދެވެން އޮތް ހުރިހާ ފުރުސަތެއް ސަރުކާރުން ހުޅުވާލާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިއާއެކު މިއަހަރު އޭލެވެލްގެ ކިޔެވުން ފެށޭއިރު މުޅިން އަލަށް 2000 ދަރިވަރުން ތަޢުލީމު ޙާސިލުކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"2013 ވަނަ އަހަރު އޯލެވެލް އިމްތިޙާނުގައިވެސް 5 މާއްދާއިން ފާސްވާ ދަރިވަރުންގެ ނިސްބަތް ހުރީ 50 އިންސައްތައިގައި. އޭގެ 10 އަހަރު ފަހުން 2023 ހުގައިވެސް މިނިސްބަތް ހުރީ 50 އިންސައްތައިގައި. އޭގެ ސަބަބުން ބައެއް ކުދިން މަގުމަތިވުމުގެ ފުރުސަތު މިއޮތީ. ދެން މިކުދިން ފައުންޑޭޝަން ކޯހެއް މިހަދަނީ. އެމްއެންޔޫގެ ތަފާސްހިސާބުތަކުން ދައްކާގޮތުންވެސް ފައުންޑޭޝަންގައި ބައިވެރިވާ 80 އިންސައްތަ ކުދިން ކޯސް ދޫކޮށްލާ." ވަޒީރު ވިދާޅުވިއެވެ.

ސަރުކާރު ސްކޫލްތަކުގެ ތެރެއިން ފުރުސަތު އޮތް 23 ސްކޫލެއްގައި އޭލެވެލްއަށް ކިޔަވައިދިނުމުގެ ފުރުސަތު ސަރުކާރުން ވަނީ މިއަހަރު ހުޅުވާލާފައެވެ. މީގެކުރިން މަތީ ސާނަވީއަށް ވައްދަނީ 5 މާއްދާއިން ފާސްވާ ކުދިންނެވެ. އެހެންނަމަވެސް ސަރުކާރުން މިއަހަރުވަނީ 3 މާއްދާ ނުވަތަ 2 މާއްދާއިން ފާސްވާ ދަރިވަރުންނަށްވެސް މަތީ ސާނަވީގެ ފުރުސަތު ދެއްވާފައެވެ. މިބަދަލާއެކު ކުދިންގެ ދިރިއުޅުމަށް ރަނގަޅު ބަދަލެއް އަންނާނެކަމަށާއި، ފުރުސަތު ފަހިކޮށްދިން ކޮންމެ ކުއްޖަކީ މާދަމާ ޤައުމު ބިނާ ކުރަން ނުކުންނާނެ ކުއްޖަކަށްވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.