ޚަބަރު

ދިވެހީންގެ ފަޚުރުވެރި ތާރީޚުގެ ހެއްކަކީ ކާބަފައިން ދޫކޮށްފައިވާ އާސާރު: ރައީސް


  • މިއީ ޤައުމީ ތަރިކައިގެ ދުވަސް ރާއްޖޭގައި ފާހަގަކުރާ ފުރަތަމަ ފަހަރު

ދިވެހީންގެ ފަޚުރުވެރި ތާރީޚުގެ ހެކިވެރިޔަކީ ކާބަފައިން ދޫކޮށްފައިވާ އާސާރީ ތަކެތިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައިވަނީ، ޤައުމީ ތަރިކައިގެ ދުވަހުގެ މުނާސަބަތުގައި މީސް މީޑިއަށް ދޫކޮށްލެއްވި ޕޯސްޓެއްގައެވެ.

ޤައުމީ ތަރިކައިގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހި ޤައުމުގެ މިނިވަންކަމާއި އަމިއްލަވަންތަކަމާ، ތާރީޚުގެ އެންމެ ބޮޑު ހެކިވެރިއަކީ ކާބަފައިން ދޫކޮށްފައިވާ އާސާރީ ތަރިކަ ކަމަށެވެ.

މިދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްވެސް ވަނީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވާފައެވެ.


ރައްޖޭގައި ފުރަތަމަ ފަހަރަށް ޤައުމީ ތަރިކައިގެ ދުވަހެއް ފާހަގަކުރަނީ މިއަހަރެވެ. އެގޮތުން ފުރަތަމަ ޤައުމީ ތަރިކައިގެ ދުވަހުގެ ޝިޢާރަކީ "ތަރިކަ ރައްކާތެރިކުރުން، އުންމީދުގެ ހުޅުކޮޅު އަލުން ދިއްލުން" މިއެވެ.

މިދުވަސް ފާހަގަކުރަން ސަރުކާރުން ނިންމަވާފައިވަނީ މިދިޔަ ނޮވެމްބަރު މަހު ކުރީކޮޅު ކެބިނެޓުގައި މަޝްވަރާ ކުރުމަށްފަހު އެގޮތަށް ނިންމައިގެންނެވެ. އެގޮތުން މި ދުވަސް 12 ސެޕްޓެމްބަރުގައި ފާހަގަކުރަން ނިންމާފައިވަނީ އެދުވަހަކީ ސަގާފީ ތަރިކައިގެ ޤާނޫނު ވުޖޫދަށް އައި ތާރިޚު ކަމަށް ވުމާއެކުގައެވެ.