ޚަބަރު

މަތީ އަރުތަވެރިންގެ އިނާމު، ފުރަތަމަ ދަންފަޅީގައި 131 ދަރިވަރަކަށް ދީފި


  • ރަސްމިއްޔާތު ކުރިއަށްގެންދަނީ 3 ދަންފަޅިއަށް ބަހާލައިގެން

  • ހުރިހާ ދަންފަޅިއެއްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެ

ސާނަވީ އަދި މަތީ ސާނަވީ އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހާސިލްކުރި ދަރިވަރުންނަށް ދޭ "މަތީ އަރުތަވެރިންގެ އިނާމު" ދިނުމުގެ ރަސްމިއްޔާތުގެ ފުރަތަމަ ދަންފަޅީގައި 131 ދަރިވަރުންނަށް އެވޯޑް ދީފިއެވެ.

2022–2023 ވަނަ އަހަރުގެ "މަތީ އަރުތަވެރިންގެ އިނާމު" ދިނުމުގެ ރަސްމިއްޔާތުގެ ތިން ދަންފަޅިއަކަށް ބޭއްވުމަށް ވަނީ ނިންމާފައެވެ. ހުރިހާ ދަންފަޅިއެއްގައިވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފައެވެ.

"މަތީ އަރުތަވެރިންގެ އިނާމު" ދިނުމުގެ ފުރަތަމަ ދަންފަޅީގައިވަނީ 131 ދަރިވަރަކަށް 133 އެވޯޑް ދެއްވާފައެވެ.

މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން މުޅި ދުނިޔެއިން 1 ވަނަ އަދި ޤައުމީ ގަދަ 10ގެ 1 ވަނަ ނަތީޖާ ހޯދި ދަރިވަރުންނަށް ޓްރޮފީ އާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން މިދިޔަ އަހަރުގެ އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން ޤައުމީ ގަދަ 10 ގައި 376 ދަރިވަރުން ހިމެނިފައިވެއެވެ. އަދި ޘާނަވީ އިމްތިހާނުތަކުން ދުނިޔޭގެ ފެންވަރުގައި މަތީ ވަނަ ހޯދި ދަރިވަރުންނާއެކު ޖުމްލަ 441 ދަރިވަރުންނަށް މި ރަސްމިއްޔާތުގެ އެކި ދަންފަޅިތަކުގައި އިނާމު ދޭނެކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއެވެ.

މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވެވި ފުރަތަމަ ދަންފަޅީގައި ތަޢުލީމީ ވުޒާރާގެ ފަރާތުން ވަނީރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއް އަރުވާފައެވެ.


ރަސްމިއްޔާތުގައި ދަޢުލަތުގެ ބައެއް ވަޒީރުންނާއި ކަމާގުޅުންހުރި ދާއިރާތަކުގެ އިސްވެރިން އަދި އިނާމު ލިބޭ ދަރިވަރުންގެ ބެލެނިވެރިން ބައިވެރިވިއެވެ.