ޚަބަރު

އާޖެންޓީނާ ބަލިކޮށް ކޮލަމްބިއާ ދެވަނައަށް


ދެކުނު އެމެރިކާ ސަރަހައްދުގެ ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކޮލަމްބިއާއިން ކާމިޔާބުކޮށްފިއެވެ. މިއީ ފާއިތުވެދިޔަ 17 އަހަރުގެ ތެރޭގައި އާޖެންޓީނާގެ މައްޗަށް ކޮލަމްބިއާއަށް ކުރި ހޯދުނު ފުރަތަމަ ފަހަރެވެ.

ކޮލަމްބިއާގެ ބަރަންކީލާގައި ކުޅުނު މި މެޗުގެ 25 ވަނަ މިނިޓުގައި ޔާސަން މަސްކުއޭރާ ވަނީ ލަނޑެއް ޖަހާ ކޮލަމްބިއާއަށް ކުރި ހޯދަދީފައެވެ. މި ލަނޑަކީ ހަމޭސް ރޮޑްރިގޭޒް ނަގައިދިން ކޯނަރަކުން މަސްކުއޭރާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ކޮލަމްބިއާއިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވާ މި މެޗުގެ ދެވަނަ ހާފްގެ ކުޅުން ފެށުނުތާ ތިންވަނަ މިނިޓުގައި އާޖެންޓީނާ އިން ވަނީ ހަމޭސް ރޮޑްރިގޭޒް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ނިކޮލަސް ގޮންޒަލޭޒް އެވެ.

މި މެޗުން ކޮލަމްބިއާ މޮޅުވި ލަނޑު މެޗުގެ 60 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީފައިވަނީ ކެޕްޓަން ހަމޭސް ރޮޑްރިގޭޒް އެވެ. މިއީ އޭނާ އެންމެ ފަހުން ގައުމީ ޓީމަށް ކުޅުނު 8 މެޗުގައި ޖެހި 10 ވަނަ ލަނޑެވެ.

ބަރަންކީލާގައި އާޖެންޓީނާ އާއި ދެކޮޅަށް ކޮލަމްބިއާ މިހާތަނަށް ހަތް މެޗު ކުޅެފައިވާއިރު, އެންމެ ފަހުން މޮޅުވެފައިވަނީ 1994 ވަނަ އެމެރިކާގައި ބޭއްވި ވޯލްޑް ކަޕްގެ ކޮލިފައިން މެޗެއްގަ އެވެ.

މި މެޗުން މޮޅުވުމާއެކު ކޮލަމްބިއާއަށް ވަނީ ކޮލިފައިންގައި ކުޅުނު 8 މެޗުން 16 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ މަގާމް ލިބިފަ އެވެ. އެއްވަނައިގައި އޮތް އާޖެންޓީނާއަށް 8 މެޗުން ލިބިފައިވަނީ 18 ޕޮއިންޓެވެ.