ޚަބަރު

ތަހުޤީޤަށް ހުރަސްއެޅޭފަދަ ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކޮށްފި


  • ހުޅުމާލެ ސެންޓްރަލް ޕާކު ސަރަހައްދުގައި ހިނގި އެކްސިޑެންޓާއި ގުޅޭގޮތުން ހަޤީގަތާއި ޚިލާފު ވާހަކަތަކެއް ދަނީ ފަތުރަމުން

ފުލުހުން ތަހުޤީގުކުރަމުންދާ މައްސަލަތަކާއި ގުޅޭގޮތުން އަސާސެއް ނެތް ވާހަކަތައް ފެތުރުމަކީ ފުލުހުންގެ ތަހުޤީޤަށް ހުރަސްއެޅިދާނެކަމަކަށްވާތީ، އެފަދަ ކަންކަން ނުކުރުމަށް ފުލުހުންގެ ޚިދުމަތުން އިލްތިމާސްކުރައްވައިފިއެވެ.

ފުލުހުންގެ ޚިދުމަތުން މިކަމަށް އިލްތިމާސްކުރެއްވީ ހުޅުމާލެ ސެންޓްރަލް ޕާކު ސަރަހައްދުގައި ހުކުރުވިލޭރޭ ހިނގި އެކްސިޑެންޓާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކާއި ގުޅޭގޮތުންނެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބުރާސްފަތި ދުވަހުގެރޭ ދަންވަރު ހުޅުމާލެ ސެންޓްރަލް ޕާކު ސަރަހައްދުގައި ހިންގި އެކްސިޑެންޓުގައި ލ. އިސްދޫ، ބީޗްހައުސް، ޙަސަން ސަމާޙް ނިޔާވެފައިވާ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތާއި، ގުޅިގެން މިހާތަނާށް ލިބިފައިވާ މައުލޫމާތު އެއްވެސް ފަރާތަކާއި ހިއްސާކޮށްފައި ނުވާނެ ކަމަށެވެ.

އެކްސިޑެންޓު ހިންގަން މެދުވެރި ސަބަބާއި ގުޅޭގޮތުން މީސްމީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާއި ގުޅޭގޮތުން ފުލުހުން ވިދާޅުވީ، އެކްސިޑެންޓުގައި މީހަކު ނިޔާވެފައިވާއިރު، އަސާސެއް ނެތް ތަފާތު ތުހުމަތުތައް ކުރުމަކީ މަރުހޫމްގެ އާއިލާއަށް އިތުރު ހިތްދަތިކަން ލިބި، އަދި ފުލުހުން ކުރަމުންދާ ތަހުޤީޤަށް ހުރަސްއެޅިދާނެ ކަމެއް ކަމަށެވެ. އެހެންކަމުން، ސައްހަކަން ކަށަވަރު ނުކުރެވޭ މައުލޫމާތު ސޯޝަލް މީޑިއާއާއި އެހެނިހެން ވަސީލަތްތަކުގައި ނުފެތުރުމަށް އިލްތިމާސްކުރައްވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ހުޅުމާލެ ސެންޓްރަލް ޕާކު ސަރަހައްދުގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި ނިޔާވެފައިވަނީ ސައިކަލް ދުއްވަން އިން މީހާއެވެ. އަދި އެކްސިޑެންޓާއި ގުޅިގެން ކާރު ދުއްވަން އިން 26 އަހަރުގެ ފިރިހެން މީހާ ވަނީ ހައްޔަރުކޮށްފައެވެ.

މި މައްސަލަ ތަހުޤީގުކުރަމުންދާއިރު ފުލުހުން މިހާތަނަށް ބުނެފައިވަނީ މި އެކްސިޑެންޓު ހިނގީ ހުޅުމާލެ ސެންޓްރަލް ޕާކް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ސައިކަލެއްގައި ޖެހިގެންނެވެ.