ތިމާވެށި

ރީޖަނަލް ވޭސްޓް މެނޭޖްމެންޓްގެ މަޢުލޫމާތު ރިސޯޓްތަކަށް ދީފި


ރާއްޖޭގައި ޤާއިމްކުރެއްވުމަށް މަސައްކަތްކުރައްވާ، ސަރަހައްދީ ގޮތުން ކުނި މެނޭޖްކުރުމުގެ ނިޒާމާއި ގުޅޭ މަޢުލޫމާތު ޓުއަރިސްޓް ރިސޯޓްތަކާއި ހިއްސާކުރައްވައިފިއެވެ.

ރޭ ހޮޓެލް ޖޭންގައި ބޭއްވި ރަސްމިއްޔާތެއްގައި ރިސޯޓްތަކުން ބައިވެރިވި މަންދޫބުންނަށް މަޢުލޫމާތު ދެއްވީ ތިމާވެއްޓާއި ބެހޭ ވުޒާރާގެ ބޭފުޅުންގެ އިތުރުން، މުޅިރާއްޖޭގައި އުފެދޭ ކުނި ނައްތާލުމަށް އުފައްދަވާފައިވާ، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ވެމްކޯގެ ފަރާތުންނެވެ.

img:http://s3.psmnews.mv/images/660x400/14664051952650.jpg|ސަރަހައްދީ ގޮތުން ކުނި މެނޭޖްކުރުމުގެ ނިޒާމާއި ގުޅޭ މަޢުލޫމާތު ރިސޯޓްތަކާއި ހިއްސާކުރެއްވުމަށް ބޭއްވި ސެޝަންގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް

ރައްކާތެރިގޮތުގައި ކުނި ނައްތާލެވޭނެ ނިޒާމެއް އަތޮޅުތަކުގައި ޤާއިމުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫޢުގެ ދަށުން، މިހާތަނަށް ޤާއިމްކޮށް ނިމިފައި ވަނީ ނ، ރ، ބ އަދި ޅ އަތޮޅު ހިމެނޭހެން ރ. ވަންދޫގައި ތަރައްޤީކުރާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތެވެ.

ވަންދޫގެ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރު ޤާއިމްކުރެވުމުން، އެ 4 އަތޮޅުން މީހުންދިރިއުޅޭ 44 ރަށުގައި އުފެދޭ ކުނި ނައްތާލުމަށް ދިމާވެފައިވާ ދަތިތަށް ހައްލުވެގެންދާނެ ކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.

މީގެއިތުރުން ރާއްޖެގެ އެހެން ސަރަހައްދު ތަކުގައި ވެސް މިފަދަ ސަރަހައްދީ ނިޒާމްތައް ޤާއިމް ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެވުޒާރާއިން ހާމަކުރައްވައެވެ.