ޚަބަރު

ރޯދަމަހު ފެނުގެ ޑެލިވަރީތައް ކުރާ ގަޑިތަކަށް ބަދަލު ގެންނަވައިފި


ރަމަޟާން މަހު މާލޭގެ މަގުތަކުގެ ޓްރެފިކް ބާރު ބޮޑުވެގެންދާތީވެ، ރަމަޟާން މަހު މާލޭގައި ފެނުގެ ޑެލިވަރީތައް ކުރާ ގަޑިތަކަށް ސަރުކާރުން ބަދަލު ގެންނަވައިފިއެވެ.

ސަރުކާރުން މިކަން މިގޮތަށް ނިންމުމާ ގުޅިގެން، މާލޭގައި ފެން ޑެލިވަރ ކުރާ ހުރިހާ ފަރާތްތަކަށް ރަމަޟާން މަހު މާލޭގައި ފެނުގެ ޑެލިވަރީ ކުރާ ގަޑިތަކަށް ބަދަލު ގެނައުމަށް އެންވަޔަރަންމަންޓް މިނިސްޓްރީން އަންގަވާފައިވާކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ. ސަރުކާރުން ފެން ޑެލިވަރ ކުރާ ގަޑިތަކަށް ބަދަލު ގެނައުމުގެ ބޭނުމަކީ ރަމަޟާންމަހު މާލޭގެ ޓްރެފިކް މިހާރަށްވުރެ ބާރުބޮޑުވާނެތީ އެކަމަށް ލުޔެއް ގެނެސްދިނުމުގެ ބޭނުމުގައެވެ.

ރޯދަ މަހު ފެން ޑެލިވަރީ ކުރަން ހަމަޖެހިފައިވަނީ ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށެވެ. އަދި ރޭގަނޑު 9:00 އިން ފެށިގެން ފިހާރަތައް ބަންދުކުރަންދެންކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ވިދާޅުވެއެވެ.

މާލޭގައި މިހާރުވެސް 3 ފަރާތަކުން އާންމުންނަށް ބޯފެން ފޯރުކޮށްދެމުން ގެންދަވައެވެ.