ޚަބަރު

ޑިޖިޓަލް ކުރިއެރުމުގެ ސަބަބުން ހަރުދަނާ އަދި އީޖާދީ މުޖުތަމައެއް ބިނާވެގެންދާނެ: ޚާރިޖީ ވަޒީރު


  • ޚާރިޖީ ވަޒީރު މިފަދައިން ވިދާޅުވީ ސަމިޓް އޮފް ދަ ފިއުޗަރ ސައިޑް އިވެންޓް: އަ ވިޜަން ފޯ އިންޓެލޖެނސް ޑްރިވެން ފިއުޗަރ ފޯ މޯލްޑިވްސް" އިވެންޓްގައި

ޑިޖިޓަލް ކުރިއެރުމުގެ ސަބަބުން ހަރުދަނާ އަދި އީޖާދީ މުޖުތަމައެއް ބިނާވެގެންދާނެކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ޚާރިޖީ ވަޒީރު މިފަދައިން ވިދާޅުވީ ސަމިޓް އޮފް ދަ ފިއުޗަރ ސައިޑް އިވެންޓް: އަ ވިޜަން ފޯ އިންޓެލޖެނސް ޑްރިވެން ފިއުޗަރ ފޯ މޯލްޑިވްސް" އިވެންޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސަމިޓް އޮފް ދަ ފިއުޗަރ ސައިޑް އިވެންޓް: އަ ވިޜަން ފޯ އިންޓެލޖެނސް ޑްރިވެން ފިއުޗަރ ފޯ މޯލްޑިވްސް" އަކީ އެމެރިކާގެ ނިއުޔޯކުގައި މި މަހު 22 އިން 23 އަށް ބާއްވާ އދ. ގެ "ސަމިޓް އޮފް ދަ ފިއުޗާ"ގެ ކުރިން، އެ އިވެންޓަށް ތައްޔާރުވުމުގެ ގޮތުން ޚާރިޖީ ވުޒާރާ އާއި އާއި ޔޫއެން މޯލްޑިވްސް ގުޅިގެން މާލޭގައި ބޭއްވި ސައިޑް އިވެންޓެކެވެ. "ސަމިޓް އޮފް ދަ ފިއުޗާ" އަކީ މީހުންގެ ދިރިއުޅުމަށާއި މުސްތަގުބަލަށާއި އަންނަން އޮތް ޖީލުތަކަށް އަސަރުކުރާ ނާޒުކު އެކި ކަންތައްތަކާ ގުޅޭ ގޮތުން ދުނިޔޭގެ ލީޑަރުން އެއްތަންވެ، އަޑުއުފުލުމަށް ބާއްވާ އދ. ގެ މަތީފަންތީގެ އިވެންޓެކެވެ.

ސައިޑް އިވެންޓްގައި ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިކުރުމާއި، ތަޢުލީމީ ފުރުޞަތުތައް އިތުރުކޮށް، ޑިޖިޓަލް އިޤްތިޞާދުގައި އެންމެންނަށް ވެސް ބައިވެރިވެވޭނެ ގޮތް ހެދުމަކީ ކިހާ މުހިންމު ކަމެއްތޯ ސައިޑް އިވެންޓްގައި މަޝްވަރާ ކުރެވުނުކަމަށެވެ.

"އަޅުގަނޑުމެންގެ މިޝަނަކީ ސިމްޕަލް ޑައިރެކްޓް އެންޑް އަންވޭވްރިންގ. ޑިޖިޓަލް ކުރިއެރުމުގެ ސަބަބުން ކޮންމެ ދިވެއްސެއްގެ ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާ ހަރުދަނާ އަދި އީޖާދީ މުޖުތަމަޢެއް ބިނާކުރުން. މި ތަޞައްވުރަކީ ހަމައެކަނި އާ ޓެކްނޮލޮޖީ ހިމެނުމަށްވުރެ ވެސް ކުރިއަށްދާ ވިސްނުމެއް. އޭގެ ތެރޭގައި ޑިޖިޓަލައިޒޭޝަނުން ލިބޭ ފުރުސަތުތަކުގެ ބޭނުން ހުރިހާ ރައްޔިތުންނަށް ވެސް ހިފޭނެ ކަން ކަށަވަރު ކުރުން ހިމެނޭ އަމާޒަކީ ދިވެހިންނަކީ އިނޮވޭޓަރުންނާއި ޓެކްނޮލޮޖީ އުފައްދާ ބަޔަކަށް ހެދުން" ވަޒީރު ވިދާޅުވިއެވެ.

ނިއުޔޯކުގައި އޮންނަ ސަމިޓާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ސަމިޓުގައި ޑިޖިޓަލް ޓްރާންސްފޯމޭޝަންއަށް ގައުމުތަކަށް ގޮވާލައްވާނެ ކަމަށެވެ. އަދި ބޭނުންފުޅުވަނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން މިހާރަށްވުރެ އިންކްލޫސިވް އަދި ރެޒިލިއަންޓް މުސްތަޤްބަލެއް އުފައްދަވަންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ޚާރިޖީ ވަޒީރު ވިދާޅުވީ ރާއްޖޭގެ ކުރިއެރުން ދެމެހެއްޓުމަށާއި، ދުނިޔޭގެ ބާޒާރުގައި ވާދަވެރިކަން ދެމެހެއްޓުމަށްޓަކައިޑިޖިޓަލް ދާއިރާއިންވެސް ތަޢުލީމު ޙާޞިލުކޮށްފައިވާ އާބާދީއެއް ބޭނުންތެރިކަމަށެވެ.