ދުނިޔެ

ބެލްޖިޔަމްގެ ޚާރިޖީ ވަޒީރު ކިޔުބާގެ ޚާރިޖީ ވަޒީރާ ބައްދަލުކޮށްފި


ބެލްޖިޔަމްގެ ޚާރިޖީ ވަޒީރު ޑިޑިއަރ ރެންޑާސް ކިޔުބާއަށް ވަޑައިގެން ކިޔުބާގެ ޚާރިޖީ ވަޒީރު ބްރޫނޯ ރޮޑްރިގޭޒްއާ ހަވާނާގައި ބައްދަލުކުރައްވައިފިއެވެ.

ހަވާނާގައި ދެއްވި ބަޔާނެއްގައި ބެލްޖިޔަމްގެ ޚާރިޖީ ވަޒީރު ވިދާޅުވީ މިއީ ކިޔުބާއާއި ބެލްޖިޔަމްގެ ސިޔާސީ ގުޅުންތައް ބަދަހިކޮށް އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުންތައް ފުޅާކުރުމާބެހޭގޮތުން ކިޔުބާގެ މަސްއޫލުވެރިންނާ މަޝްވަރާ ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއްކަމަށެވެ.

ކިޔުބާއަކީ ކުރިން ވިލާތުގެ ޤައުމުތަކުން ސިޔާސީގޮތުންނާއި އިޤްތިޞާދީ ގޮތުން އެކަހެރިކޮށްފައިވާ ޤައުމެއް ނަމަވެސް ކިޔުބާއާ ގުޅުންތައް އުފެއްދުމަށް އެމެރިކާ ނިންމުމުން ވިލާތުގެ ޤައުމުތައްވެސްވަނީ ކިޔުބާއާ ގާތްވެ ގުޅުންތައް ބަދަހިކުރަން ފަށާފައެވެ. މިގޮތުން ފަރަންސޭސި ޚާރިޖީ ވަޒީރާއި އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރުވެސް ދާދިފަހުންވަނީ ކިޔުބާއަށް ޒިޔާރަތް ކުރައްވާފައެވެ.

ބެލްޖިޔަމްގެ ޚާރިޖީ ވަޒީރު ޑިޑިއަރ ރެންޑާސް އާ ކުރެއްވި މަޝްވަރާތަކަށްފަހު ކިޔުބާގެ ޚާރިޖީ ވަޒީރު ރޮޑްރިގޭޒް ވިދާޅުވީ ދެބޭފުޅުންގެ މެދުގައި ބިނާކުރަނިވި ވާހަކަތަކެއް ކުރިޔަށްދިޔަ ކަމަށެވެ. ކިޔުބާއާއި ބެލްޖިޔަމާ ދެމެދު ހިނގާ ވިޔަފާރީގެ މުޢާމަލާތްތައް ފާއިތުވި ދެތިން އަހަރުވަނީ 25 އިންސައްތައަށް ކުރިޔަށްގޮސްފައެވެ.

ކިޔުބާއިން ބެލްޖިޔަމްއަށް މައިގަނޑު ގޮތެއްގައި އެކްސްޕޯޓް ކުރަނީ ތެލާއި ތެލުގެ ބާވަތްތަކާއި ދުންފަތުގެ އުފެއްދުންތަކެވެ. ބެލްޖިޔަމް އިން ކިޔުބާއަށް އެކްސްޕޯޓްކުރަނީ ކެމިކަލްގެ ބާވަތްތަކާއި ބޭހާއި ކާބޯތަކެތި ކަމަށް ރިޕޯޓްތައް ބުނެއެވެ.