ދުނިޔެ

ފަލޫޖާ މިނިވަންކުރުމަށް ފެށި އޮޕަރޭޝަނަށް ޕާލަމެންޓުގެ ތާއީދު


އިރާގުގައިވާ އައިއެސް ޖަމާއަތުގެ މައިމަރުކަޒު ކަމަށްވާ ފަލޫޖާ މިނިވަންކުރުމަށް އިރާގު ސިފައިން ފަށާފައިވާ އަސްކަރީ އޮޕަރޭޝަނަށް ތާއީދުކުރާކަން އެޤައުމުގެ ޕާލަމެންޓުން ހާމަކޮށްފިއެވެ.

މިކަމަށްޓަކައި އިރާގުގެ ޕާލަމެންޓުން ބޭއްވި ޚާއްސަ ޖަލްސާއެއްގައި ޕާލަމެންޓުގެ މެންބަރުންވަނީ އަސްކަރީ އޮޕަރޭޝަނަށް ތާއީދުކުރުމުގެ އިތުރުން ފަލޫޖާގައި ތާށިވެފައިވާ އާންމުން ސަލާމަތް ކުރުމަށާއި ހަނގުރާމައިގެ ސަބަބުން ޙާލުގައި ޖެހިފައިވާ އެރަށުގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށްވެސް އިރާގު ސަރުކާރަށް ގޮވާލައްވާފައެވެ.

ފަލޫޖާ މިނިވަންކުރުމަށް އިރާގު ސިފައިން ފަށާފައިވާ އަސްކަރީ އޮޕަރޭޝަނަށް ތާއީދުކޮށް އެކަމަށް ސިޔާސީގޮތުން ވާގިވެރިވުމުގެ ގޮތުން ބޭއްވި އިރާގު ޕާލަމެންޓްގެ ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޕާލަމެންޓްގެ ރައީސް ސަލީމް އަލްޖައްބޫރީ ވިދާޅުވީ އަސްކަރީ އޮޕަރޭޝަނަށް ތާއީދުކޮށް ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ސަރުކާރަށް ބާރުއެޅުމަކީ މިޖަލްސާގެ މަޤްޞަދު ކަމަށެވެ. އޭނާ ވިދާޅުވީ އިރާގުގެ ޕާލަމެންޓަކީ އެޤައުމުގެ ހުރިހާ ނަސްލުތަކަކާއި މަޛްހަބު ތަކެއްގެ މީހުން ތަމްޘީލްކުރާ މަޖިލީހެއްކަމުން އިރާގު ސިފައިން ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް އެމަޖިލީހުން އެއްބާރުލުން ދޭންޖެހޭ ކަމަށާ މިއާއެކު ހަނގުރާމައިގެ ސަބަބުން ހާލުގައިޖެހިފައިވާ އާންމުންގެ ހާލަތަށްވެސް ޕާލަމެންޓުން ރިއާޔަތް ކުރަންޖެހޭކަމަށެވެ.

އިރާގުގެ ބޮޑުވަޒީރު ހައިދަރުލް އަބާދީ ވިދާޅުވީ އިރާގު ސިފައިން ފައްލޫޖާގެ އެތެރޭގެ ސަރަހައްދުތަކަށް ޙަމަލާނުދީ މަޑުކުރަނީ އެރަށުގައި ތާށިވެފައިވާ އާންމުންގެ ފުރާނަ ސަލާމަތް ކުރުމުގެ ގޮތުންކަމަށެވެ. އަދި ފައްލޫޖާގެ އެތެރޭގެ ސަރަހައްދުތަކަށް ހަމަލާތައްދޭން ފަށާތާ ދެދުވަހުގެ ތެރޭގައި އައިއެސްގެ އަތްދަށުން އެރަށް މިނިވަން ކުރެވޭނެ ކަމަށްވެސް އަބާދީ ވިދާޅުވިއެވެ. ފައްލޫޖާގެ އެތެރޭގެ ސަރައްދުތަކުގައި ބައިލައްކައެއްހާ އާންމުން ތާށިވެފައިވާއިރު އައިއެސްއިން އެމީހުން ހަނގުރާމައިގެ އައްޑަނައަކަށް ހަދަމުން ގެންދާކަމަށް އިރާގުގެ ކޮމާންޑަރުން ވަނީ ތުހުމަތު ކުރައްވާފައެވެ.

އިރާގުގެ ސިފައިން މިހާރު ތިބީ ފައްލޫޖާ ހިސާރުކޮށް އެރަށުގެ ވަށައިގެންވާ އަވަށްތަކުގައެވެ. ހަނގުރާމައިން ސަލާމަތް ވުމަށް ފަލޫޖާ ދޫކޮށް ދާ އާންމުންވަނީ އިރާގު ސިފައިންނާއެކު ހަނގުރާމަކުރާ "ޙަޝްދުއްޝަޢަބީ" މިލީޝިޔާ ތަކުގެ ހަނގުރާމަވެރިން ފަލޫޖާގެ އާންމުންނަށް ޙަމަލާދީ އާންމުންނަން ގޯނާކުރަމުން ގެންދާކަމަށް ބުނެ ޝަކުވާތައްކޮށްފައެވެ. "ޙަޝްދުއްޝަޢަބީ" މިލީޝިޔާއަކީ އާންމު ގޮތެއްގައި ޝިޔައީންގެ ހަރުކަށި ފަރާތްތައް ހިމެނޭ ހަނގުރާމަވެރި ޖަމާއަތެކެވެ. އެޖަމާއަތުން ފައްލޫޖާގެ އާންމުންގެ ތެރޭގައި ހިމެނޭ ސުންނީންނާ ދެކޮޅަށް ބަދަލުހިފުމުގެ ރޫޙެއްގައި ހަރަކާތްތެރިވަމުންދާތީ އދ. އާއި ބައިނަލްއަގްވާމީ ފަރާތްތަކުންވެސް ވަނީ ކަންބޮޑުވާކަން ހަމަކޮށް "ޙަޝްދުއްޝަޢަބީ" ގެ ހަނގުރާމަވެރިން މައިތިރި ކުރުމަށް އިރާގު ސަރުކާރަށް އިލްތިމާސްކޮށްފައެވެ.

އައިއެސްގެ ހަނގުރާމަވެރިން އަތްދަށުން ފަލޫޖާ މިނިވަން ކުރުމުގެ އޮޕަރޭޝަން އިރާގު ސިފައިން ފަށާފައިވަނީ މިމަހުގެ ތޭވީހުގައެވެ. މިއޮޕަރޭޝަންގައި އިރާގު ސިފައިންގެ އެތަށް ހާސްބަޔަކާއި "ޙަޝްދުއްޝަޢަބީ" މިލީޝިޔާގެ ދެހާހެއްހާ ހަނގުރާމަވެރިން ބައިވެރިވެއެވެ. އިރާގު ސިފައިން ގެ މިއޮޕަރޭޝަނަށް އެމެރިކާވެސް ގެންދަނީ ވައިގެ މަގުންނާއި ލޮޖިސްޓިކް ގޮތުން އެހީތެރިވަމުންނެވެ. މީގެއިތުރުން އީރާނުގެ އަސްކަރީ ތަޖްރިބާކާރުންވެސް ފަލޫޖާގެ ހަނގުރާމައިގާ އިރާގު ސިފައިންނަށް ވާގިވެރިވާކަމަށް ޚަބަރުތައް ބުނެއެވެ.