ޚަބަރު

ކްރިމިނަލްކޯޓާއި ޖުވެނައިލްކޯޓާއި ޑްރަގް ކޯޓަށް ބަދަލުތަކެއް !


ސުޕީރިއާ ތިން ކޯޓެއްގެ ހަތަރު ފަނޑިޔާރަކާއި ތިން މެޖިސްޓްރޭޓަކު އެކި ކޯޓުތަކަށް ބަދަލުކުރެއްވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމަވައިފިއެވެ.

ޖޭއޭސްސީން ވިދާޅުވީ މި 7 ފަނޑިޔާރުން ތިއްބެވި ކޯޓްތަކުން އެހެން ކޯޓަތަކަށް ބަދަލުކުރައްވަން ނިންމެވީ އެކަމަށް އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ހުށައެޅުއްވުމުންކަމަށެވެ.

ޖޭއެސްސީން މި ގެންނެވި ބަދަލާއި އެކު ކުރިމިނަލް ކޯޓްގެ ގާޒީ، ސަޢީދު އިބްރާހީމް ބަދަލުކުރައްވާފައިވަނީ ޖުވެއިނަލް ކޯޓަށެވެ.ޖުވައިނަލް ކޯޓްގެ ފަނޑިޔާރު އަޙުމަދު ޝަކީލް ކުރިމިނަލް ކޯޓަށް ބަދަލުކުރައްވާފައިވާއިރު ޖުވައިނަލްކޯޓްގެ ފަނޑިޔާރު މުޙައްމަދު ނަޢީމް ވަނީ ޑްރަގް ކޯޓަށް ބަދަލުކުރައްވާފައެވެ. ޑްރަގް ކޯޓުގެ ފަނޑިޔާރު މުޙައްމަދު ޢީސާފުޅު ބަދަލުކުރައްވާފައިވަނީ ޖުވެއިނަލް ކޯޓަށެވެ.

މީގެއިތުރުން ކ. އަތޮޅު ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މޫސާ ނަސީމު ގދ. ގައްދޫ ކޯޓުގެ އިސް މެޖިސްޓްރޭޓްކަމަށް ބަދަލުކުރައްވާފައިވާއިރު ގދ ގައްދޫ ކޯޓުގެ އިސް މެޖިސްޓްރޭޓަކަށް ހުންނެވި ޢަބްދުލް ޤަފޫރު ވަނީ ވ. ކެޔޮދޫ ކޯޓުގެ އިސް މެޖިސްޓްރޭޓްކަމަށް ބަދަލުކުރައްވާފައެވެ.ވ އަތޮޅު ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް މުޙައްމަދު ރާޣިބު ވަނީ ކ. އަތޮޅު ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްގެ މަޤާމަށް ބަދަލުކުރައްވާފައެވެ.

މި ނިންމެވުމަށް އެ ފަނޑިޔާރުން އަމަލުކުރައްވަން ޖެހިވަޑައިގަންނަވާނީ މިއަދުން ފެށިގެން ފަނަރަ ދުވަސް ފަހުންކަމަށް ޖޭއެސްސީން ވިދާޅުވެއެވެ.