ޚަބަރު

ކާރަކާއި ސައިކަލެއްޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ނިޔާވެއްޖެ


  • މި ޙާދިސާގައި ނިޔާވީ ސައިކަލު ދުއްވަން އިން 21 އަހަރުގެ މުޙައްމަދު ލީވާން

  • އޭނާ ނިޔާވީ އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާދެމުންދަނިކޮށް ރޭގެ ވަގުތެއްގައި

މާލޭގައި ކާރަކާއި ސައިކަލެއްޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ނިޔާވެއްޖެއެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ 12:53 ހާއިރު ހިނގި މި އެކްސިޑެންޓުގައި ސީރިއަސް ހާނީއްކަތަކެއް ލިބުމާގުޅިގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗުގައި ފަރުވާ ދެމުންދަނިކޮށް ނިޔާވީ ގދ. ގައްދޫ ޖުޕިޓަރ، އުމުރުން 21 އަހަރުގެ މުޙައްމަދު ލީވާން ޢަބްދުއްލަޠީފެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި އޭނާ ނިޔާވީ އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާދެމުންދަނިކޮށް ރޭގެ ވަގުތެއްގައެވެ.

މި އެކްސިޑެންޓް ހިނގީ މާލޭގެ ބޮޑުތަކުރުފާނުމަގާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމަތީގައި ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. އެކްސިޑެންޓާގުޅިގެން ފަރުވާ ދެމުންދަނިކޮށް ނިޔާވި ލީވާންއަކީ ސައިކަލް ދުއްވަން އިން މީހާކަމަށް ފުލުހުން ވިދާޅުވެއެވެ.

މި ޙާދިސާއާގުޅިގެން ސައިކަލާއި ކާރަށްވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވެއެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުޤީޤުކުރަމުންނެވެ.

މާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ނިޔާވިއިރު، މިދިޔަ ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައިވެސް 23 އަހަރުގެ ޒުވާނަކު ވަނީ ނިޔާވެފައެވެ.