ޚަބަރު

ޔޫއެސް އޯޕަން: ޑްރެޕާ ބަލިކޮށް ސިނާ ފައިނަލަށް


އެމެރިކާގެ ނިއު ޔޯކުގައި މިހާރު ކުރިއަށްދާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސްގެ ފައިނަލުގެ ޖާގައެއް ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ޔަނިކް ސިނާ އާއި އެމެރިކާގެ ޓޭލާ ފްރިޓްޒް ހޯދައިފިއެވެ.

މި މުބާރާތުގައި އެއްވަނަ އަށް ސީޑް ކޮށްފައިވާ ސިނާ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ އިނގިރޭސިވިލާތުގެ ޖެކް ޑްރެޕަރ ބަލިކުރުމަށްފަހުގަ އެވެ. މި މެޗު އޭނާ ކާމިޔާބުކޮށްފައިވަނީ 7-5, 7-6 އަދި 6-2 ގެ ނަތީޖާ އަކުންނެވެ.

އޮސްޓްރޭލިއަން އޯޕަން މުބާރާތް ކާމިޔާބު ކުރުމަށްފަހު ދެވަނަ ފައިނަލުގެ ޖާގައެއް ހޯދުމަށް ސިނާ މި މެޗަށް ނިކުތްއިރު އޭނާ އާއި ދެކޮޅަށް ކުޅުނު ޖެކް ޑްރެޕަރ އަކީ ގިނަ އަހަރުތަކަކަށްފަހު ގްރޭންޑް ސްލޭމް މުބާރާތެއްގެ ފިރިހެން އިވެންޓުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދި ފުރަތަމަ އިނގިރޭސި ކުޅުންތެރިޔާ އެވެ.

މެޗުގެ ދެވަނަ ސެޓުގައި ސިނާއަށް ލިބުނު އަނިޔާއަކަށް ފަރުވާ ހޯދާފައިވާއިރު, މި ސެޓުގައި ހޫނުގަދަވުމުގެ ސަބަބުން ޑްރެޕަރ ވަނީ ތިން ފަހަރު މަތިން ހޮޑުލާފަ އެވެ.

މި މުބާރާތުގެ ފައިނަލުގައި ސިނާ އާއި ދެކޮޅަށް ނިކުންނާނީ އެމެރިކާގެ ޓޭލަރ ފްރިޓްޒް އެވެ. އޭނާ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ އެމެރިކާގެ ފްރެންސެސް ޓިއަފޯ އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު ތިން ސެޓު ދެ ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ.

މެޗުގެ ފުރަތަމަ ސެޓު ޓިއަފޯ ކާމިޔާބުކުރި ނަމަވެސް ދެވަނަ ސެޓް ފްރިޓްޒް ވަނީ ކާމިޔާބުކޮށްފައެވެ. އަދި ތިންވަނަ ސެޓް އަނެއްކާވެސް ޓިއަފޯ ކާމިޔާބުކުރުމާއިއެކު މެޗުގެ ފޯރިގަދަވެގެން ދިޔައެވެ. ނަމަވެސް ހަތަރުވަނަ ސެޓާއި ފަސްވަނަ ސެޓު ކާމިޔާބުކޮށް ފަނަރަ އަހަރަށްފަހު ގްރޭންޑް ސްލޭމް ސިންގަލް ފިރިހެން އިވެންޓެއްގެ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ފްރިޓްޒް ވަނީ ހޯދާފަ އެވެ.

ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ އަންހެން އިވެންޓުގެ ފައިނަލް މެޗު މިއަދު ކުޅޭނެ އެވެ. މި މެޗުގައި ބައްދަލު ކުރާނީ އެމެރިކާގެ ޖެސިކާ ޕެގޫލާ އާއި އެރީނާ ސަބަލެންކާ އެވެ.