ޚަބަރު

ކުންފުނީގެ ޚަރަދުކުޑަކުރަން އެޅި ފިޔަވަޅުތަކުގެ ނަތީޖާ ދަނީ ފެންނަމުން: އެމްޑަބްލިޔުއެސްސީގެ އެމްޑީ މަތީނު


  • މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 76.2 މިލިޔަން ރުފިޔާގެ ފައިދާއެއް ކުންފުންޏަށް ލިބުނު

ކުންފުނީގެ ޚަރަދުކުޑަކުރަން އެޅި ފިޔަވަޅުތަކުގެ ނަތީޖާތައް ފެންނަމުންދާކަމަށް މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮންޕެނީ، އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ. މަތީން މިފަދައިން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްޑަބްލިޔުއެސްސީއަށް ވަނީ ބޮޑު ފައިދާއެއް ލިބިފައެވެ.

ކުއާޓަރު ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 35.9 މިލިޔަން ރުފިޔާ އެމްޑަބްލިއުއެސްސީއަށް ލިބިފައިވެއެވެ. އަދި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބިފައިވަނީ 76.2 މިލިޔަން ރުފިޔާގެ ފައިދާއެކެވެ. މިއީ 40.3 މިލިޔަން ރުފިޔާގެ އިތުރުވުމެކެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 334 މިލިޔަން ރުފިޔާގެ އާމްދަނީއެއް އެމްޑަބްލިއުއެސްސީއަށް ލިބިފައިވާއިރު، ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވަނީ 181 މިލިޔަން ރުފިޔާއެވެ. އަދި ހިންގުމުގެ ފައިދާގެ ގޮތުގައި ކުންފުންޏަށް ލިބިފައިވަނީ 95 މިލިޔަން ރުފިޔާއެވެ.

އެކުންފުނީގެ މާލީ ހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާއި މިއަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު އެމްޑަބްލިޔުއެސްސީގެ އާމްދަނީ ދަށެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 369 މިލިޔަން ރުފިޔާ، އާމްދަނީގެ ގޮތުގައި އެ ކުންފުންޏަށް ލިބިފައިވެއެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބިފައިވަނީ 334 މިލިޔަން ރުފިޔާއެވެ. އެހެންނަމަވެސް ޚަރަދުތައް ކުޑަކޮށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ވަނީ ބޮޑު ފައިދާއެއް ލިބިފައެވެ.

މިކަމާ ގުޅިގެން ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވީ ކުންފުންޏަށް ފައިދާވީ ޚަރަދުތައް ކުޑަކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.

އެގޮތުން ކުންފުނިން އެޅި ބައެއް ފިޔަވަޅުތަކުގެ ތަފްސީލު މަތީން ހިއްސާކުރެއްވިއެވެ. މަތީން ވިދާޅުވީ މިއަހަރު ފެށުނުއިރު ކުންފުންޏަށް ޑޮލަރު ގަންނަމުންދިޔައީ 18.50 ރުފިޔާއަށް ކަމަށާއި ނަމަވެސް ޑޮލަރު ލިބޭ ސަރުކާރު ކުންފުނިތަކުން އަގުހެޔޮކޮށް ޑޮލަރު ލިބޭގޮތަށް އެއްބަސްވުމެއްގައި ސޮއިކުރިކަމަށެވެ. އެ އެއްބަސްވުމުގެ ދަށުން މިހާރު ކުންފުންޏަށް ޑޮލަރު ގަންނަމުންދަނީ 15.45 ރުފިޔާއަށްކަމަށް މަތީން ވިދާޅުވިއެވެ.

ޕްރޮކިއުމަންޓްގެ ތެރޭގައި މެނުފެކްޗަރާއާއެކު ކޮމްޕެޓިވިވް އަގަކަށް ދިޔުމުގެ މަސައްކަތް ފަށައި، ބައެއް ތަކެތި ގަތުމަށް އަގު ހެޔޮކުރެވުނުކަމަށްވެސް ވިދާޅުވިއެވެ. މަތީން ވިދާޅުވީ ފުރަތަމަ އަދި ދެވަނަ ކުއާޓަރުގައިވެސް ކޮންމެހެން ކުރަންޖެހޭ ޚަރަދުތައް ނޫން އެހެން ޚަރަދުތައް ނުކުރައްވާކަމަށެވެ.

"ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނުކުރުމާ، ބޮޑެތި އިވެންޓްތައް އިންތިޒާމު ނުކުރުމާ، ސީއެސްއާރް އާއި މާކެޓިން މަސައްކަތްތައް ވެސް ކޮންޓްރޯލްކޮށްގެން އުޅެނީ. މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްޑަބްލިޔުއެސްސީއަށް ބޮޑު ފައިދާއެއް ލިބުނީ މުވައްޒަފުންގެ ބުރަ މަސައްކަތުން" މަތީން ވިދާޅުވިއެވެ.

މަތީން ވިދާޅުވީ ކުންފުންޏަށް އާމްދަނީ ހަތަރު ބަޔަކުން ލިބެމުންދާކަމަށެވެ. އެގޮތުން ކުންފުނީގެ 70 ވަރަކަށް އައިޓަމް ބާޒާރަށް ނެރެވޭ ކަމަށާއި، އެއީ މުޅި ކުންފުނީގެ އާމްދަނީގެ 9 އިންސައްތަކަމަށެވެ. ވިޔަފާރިންވެސް ކުންފުންޏަށް އާމްދަނީ ލިބެމުންދާކަމަށް މަތީން ވިދާޅުވިއެވެ.

އެމްޑަބްލިޔުއެސްސީއަކީ މާލެ ސަރަހައްދަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދޭ މައި ކުންފުންޏެވެ.