ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުގެ އިދާރާތައް ގުޅިގެން މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ނަތީޖާ ފެންނަމުންދާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ގަވާއިދާ ޚިލާފަށް ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރިކުރަމުންދިޔަ 5 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔުމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17ގައި ހުވާކުރެއްވުމަށްފަހު ޤައުމުގައި މޫލާފަހުރި ދާޚިލީ ސަލާމަތާއިގުޅޭ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ޖޮއިންޓް އޮޕަރޭޝަނަލް ކޮންސެޕްޓްގެ ނަތީޖާ ފެންނަމުންދާކަމަށެވެ.
ވަޒީރު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިރުޝާދުގެ ދަށުން ހިންގާ ޖޮއިންޓް ޓާސްކްފޯރހުން ހިންގަން ފެށި އޮޕަރޭޝަންގައި ބައިވެރިވާ އެންމެހާ މުއައްސަސާތަކުގެ ހީވާގި ވެރިން އަދި ހިއްވަރުގަދަ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ.
ރައީސް @MMuizzu ގެ ޙާއްސަ އިރުޝާދުގެ ދަށުން ހިންގާ ޖޮއިންޓް ޓާސްކްފޯރސް އިން މިއަދު ހިންގަންފެށި މިއޮޕަރޭށަން ގައި ބައިވެރިވާ އެއްމެހާ މުއައްސަސާތަކުގެ ހީވާގި ވެރިން އަދި ހިއްވަރުގަދަ މުވައްޒަފުންނަށް ޝުކުރު އަދާކުރަން. 17 ނޮވެމްބަރުގައި ހުވާކުރެއްވުމަށްފަހު ޤައުމުގައި… https://t.co/vKXVkGy0U5
— Minister of Homeland Security & Technology (@min_mohst) September 5, 2024
ގަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރަމުންދާ ބިދޭސީންގެ މައްސަލަތައް ބެލުމަށް އެކުލަވާލާފައިވާ ޓާސްކު ފޯހަށް ލިބުނު މަޢުލޫމާތަކާއެކު އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތުން ޚާއްސަ ރެއިޑެއް މާލޭގައި ކުރިއަށް ގެންދިޔައެވެ. އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ އަތުން ގިނަ ޢަދަދެއްގެ ފައިސާއާއި ޑެބިޓް އަދި ކްރެޑިޓް ކާޑުތަކެއް ފެނިފައިވާކަން އިމިގްރޭޝަނުންވަނީ ހާމަކުރައްވާފައެވެ. އިމިގްރޭޝަނުންވަނީ މިރެއިޑުގައި ހިފަހައްޓާފައިވާ ޑޮލަރާއި ދިވެހި ފައިސާއާއި ގިނަ ޢަދަދެއްގެ ޕާސްޕޯޓުގެ ފޮޓޯ އާންމުކުރައްވާފައެވެ.
ސަރުކާރުން ދަނީ ޤަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދާ، އެފަދަ މީހުން ޑީޕޯޓްކުރަމުންނެވެ. ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލުމުގައި ހުރި ދަތިތައް ނައްތާލުމަށްވެސް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ވަޒީރު އިޙްސާން ވިދާޅުވިއެވެ. އެގޮތުން، ބިދޭސީ މީހާގެ ޑިޕޮޒިޓުގައި ހުންނަ އަދަދަށްވުރެ އިތުރަށް ޓިކެޓަށް އަރާ ފައިސާ ކަނޑާލުމަށްފަހު، ޓިކެޓުގެ އެންމެ ބޮޑު އަގަކީ 8000 ރުފިޔާކަމަށް ޤައުމީ އެއާލައިނާއެކު އެއްބަސްވެފައިވާކަމަށް ވަޒީރު އިޙްސާން ވިދާޅުވިއެވެ.
ލިޔެކިޔުންތައް ހުރި ބިދޭސީއެއްނަމަ އޭނާ ހައްޔަރުކުރާތާ 48 ގަޑިއިރު ތެރޭގައި މިހާރު ޑީޕޯޓްކޮށްލެވޭނެކަން ފާހަގަކުރައްވައި މީގެކުރިން ވަޒީރު އިޙްސާން ވިދާޅުވީ ލިޔެކިޔުން ނެތް މީހުން ޑީޕޯޓްކުރުމުގައި އަދިވެސް ވަގުތު ނަގާ ކަމަށެވެ. އެކަންކަން ހައްލުކުރުމަށް އެމްބަސީތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަކަމަށްވެސް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.