ޚަބަރު

ޗިލީ ބަލިކޮށް އާޖެންޓީނާ ގްރޫޕުގެ ކުރީގައި ހަމަޖެހިލައިފި


2026 ވަނަ އަހަރު އެމެރިކާ ބައްރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕުގެ ކޮލިފައިންގައި އާޖެންޓީނާއިން މިއަދު ކުޅުނު މެޗުގައި 3-0 ގެ ނަތީޖާއަކުން ޗިލީ ބަލިކޮށް، ކޮލިފައިންގެ ގްރޫޕުގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ.

ބޮއިނިސް އައިރިސްގެ މޮނިއުމެންޓަލް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ކުރިންވަނީ ދާދި ފަހުން ގައުމީ ޓީމަށް ކުޅުން ހުއްޓާލި އެންހަލް ޑިމާރިއާ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމާއި ގުޅިގެން އޭނާއަށް ހާއްސަ ވަގުތުކޮޅެއް ހޭދަކޮށްފަ އެވެ.

އަނިޔާގެ ސަބަބުން ކެޕްޓަން ލިއޮނެލް މެސީ އާއި ނުލާ އާޖެންޓީނާ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ލަނޑެއް ފެނިގެން ގޮސްފައިނުވި ނަމަވެސް އާޖެންޓީނާއިން ވަނީ ޗިލީގެ ގޯލަށް ނުރައްކާތެރި ހަމަލަތަކެއް ފޮނުވާލާފަ އެވެ.

ލަޔޮނެލް ސްކެލޯނީގެ އިރުޝާދުގެ ދަށުން ކުޅޭ އާޖެންޓީނާއިން ވަނީ ދެވަނަ ހާފްގެ ކުޅުން ފެށުނުތާ ތިންވަނަ މިނިޓުގައި ގޯލެއް ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އެލެކްސިސް މެކަލިސްޓާ އެވެ.

އަދި މެޗުގެ 79 ވަނަ މިނިޓުގައި ސްކެލޯނީ ވަނީ ތިން ބަދަލެއް ގެނެސްފަ އެވެ. އެގޮތުން ލައުޓާރޯ މާޓިނޭޒް, ލިސަންދްރޯ މާޓިނޭޒް އާއި މެކަލިސްޓާގެ ބަދަލުގައި ގަރްނާޗޯ, އަކޫނިއާ އަދި ޕައުލޯ ދިބާލާ ވަނީ ކުޅެން އަރުވާފަ އެވެ. އެގޮތުން ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ 10 ނަންބަރު ޖާޒީގައި ދިބާލާ ކުޅެން އެރުމުންނެވެ. އެއީ މީގެ ކުރިން ލިއޮނެލް މެސީ އާއި ޑިއެގޯ މެރެޑޯނާ ބޭނުން ކޮށްފައިވާ ޖާޒީ ނަންބަރެވެ.

މި މެޗުގެ 84 ވަނަ މިނިޓްގައި އާޖެންޓީނާއިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފަ އެވެ. މި ލަނޑަކީ ހޫލިއަން އަލްވަރޭޒް އޭރިޔާ ބޭރުން ފޮނުވާލި ބާރު ހަމަލައެއް ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި ގޯލުގެ ތެރެއަށް ވަދެފައިވާ ލަނޑެކެވެ.

އަދި މެޗުގެ 89 ވަނަ މިނިޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ދިބާލާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ.

މި މެޗުން މޮޅުވުމާއެކު އާޖެންޓީނާއަށް ވަނީ ކޮލިފައިންގައި މިހާތަނަށް ކުޅުނު 7 މެޗުން 18 ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނަ ލިބިފަ އެވެ. ދެވަނައިގައި އޮތް އުރުގުއޭ އަށް 6 މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ. އަދި މިއަދު އާޖެންޓީނާ އަތުން ބަލިވި ޗިލީ އަށް 7 މެޗުން ލިބިފައިވަނީ 5 ޕޮއިންޓެވެ.

ކޮލިފައިންގައި އާޖެންޓީނާ އަންނަ ހަފްތާގައި ނިކުންނާނީ ކޮލަމްބިއާ އާއި ދެކޮޅަށެވެ.

މި މެޗަށްފަހު އާޖެންޓީނާގެ ކުޅުންތެރިން ވަނީ ޖެހިޖެހިގެން ދެވަނަ ފަހަރަށް ކޯޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ދާދި ފަހުން ކާމިޔާބުކުރުމަށްފަހު، އެ މުބާރާތުގެ ތަށި ސަޕޯޓަރުންނަށް ދައްކާލާފަ އެވެ.