ޚަބަރު

އާސަހަރާގެ ތިރީބައިގެ މަސައްކަތް ނިމި މާދަމާ ހުކުރު ނަމާދަށް ހުޅުވަނީ


  • މުޅި އާސަހަރާގެ މަސައްކަތް ނިމިގެން ހުޅުވާލާނީ މިމަހުގެ ފަހު ހަފްތާގައި

  • ޖުމްލަ 4 ހިނަވާ ތަން މިހާރު ހުންނާނެ

  • އާސަހަރާ ތަރައްޤީ ކުރަނީ 2 ފަންގިފިލާއަށް

  • އާސަހަރާގެ މަތީގައި އަންހެނުން ނަމާދުކުރާ ތަނާއި ވެއިޓިން އޭރިއާއެއް ހުންނާނެ

މަރާމާތަށްފަހު އާސަހަރާގެ ތިރީބައި ހުކުރު ނަމާދަށް ހުޅުވުމަށް މާލެ ސިޓީ ކައުންސިލުން ނިންމަވައިފިއެވެ. މާލެ ސިޓީގައި ޖަނާޒާގެ ހުރިހާކަމެއް ކުރަމުން އައި އާސަހަރާ ބޭނުންކުރުން މެދުކަނޑާލީ މިދިޔަ އަހަރުގެ މޭއި މަހުގެ ތެރޭގައެވެ.

2 ފަންގިފިލާއަށް ތަރައްޤީކުރަމުން އަންނަ އާސަހަރާގެ މަސައްކަތުގެ ބޮޑުބައެއް ނިމި ސަހަރާގެ ތިރީބައި ހުކުރު ދުވަހުގެ ހުކުރު ނަމާދަށް ހުޅުވުމަށް މިހާރުވަނީ ނިންމާފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވީ، މިހަފްތާގައި ހުޅުވުމަށް ހަމަޖެހިފައިވަނީ އާސަހަރާ މިސްކިތުގެ ތިރީ ފަންގިފިލާކަމަށެވެ. އެއީ ފިރިހެނުން ނަމާދުކުރުމަށް ޚާއްސަ ކުރެވިފައިވާ ސަރަޙައްދެވެ. މޭޔަރ ވިދާޅުވީ، ސަހަރާގެ ހުރިހާ މަސައްކަތެއް ނިންމާ މިމަހުގެ ފަހު ހަފްތާގައި ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން އަންހެނުން ނަމާދުކުރުމަށް ޚާއްސަ ސަރަހައްދާއި، އަންހެނުންގެ ފާޚާނާ ބަރިއާއި، ވެއިޓިން އޭރިއާވެސް މިމަހުގެ ނިޔަލަށް ނިމޭނެކަން މޭޔަރ ވިދާޅުވިއެވެ.

މިމަހުގެ ނިޔަލަށް އާސަހަރާގެ ހުރިހާ މަސައްކަތެއް ނިމޭއިރު ޖަނާޒާގެ ކަންކަމާއެކު މީހުން ވަޅުލުމުގެ ކަންކަންކުރެވޭނެ ރަނގަޅު އިންތިޒާމުތަކެއް ޤާއިމުވެގެންދާނެކަން މާލެ ސިޓީ ކައުންސިލުން ވިދާޅުވެއެވެ.
އަދި މަސައްކަތް ނިމޭއިރު މީހުން ހިނެވުމަށް 4 ތަނެއް ހުންނާނެ ކަމަށާއި ނަމާދުކުރާ ސަރަޙައްދާއި މަޑުކޮށްލައިގެން ތިބޭ ސަރަޙައްދުވެސް އޭސީކޮށްފައިވާކަމަށް ކައުންސިލުން ވިދާޅުވިއެވެ. އަދި މަސައްކަތް އެއްކޮށް ނިމޭއިރު އުމުރުން ދުވަސްވީ މީހުންނަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ ފާޚާނާއާއެކު އެފަރާތްތަކަށް ފަސޭހަކަމާއެކު ސަހަރާތެރޭގައި އުޅެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

ސިޓީ ކައުންސިލުން ކުރިން ހާމަކުރައްވާފައިވާ ގޮތުން އާސަހަރާ އެއްކޮށް ނިމޭއިރު ގާތްގަނޑަކަށް 3200 އަކަފޫޓަށް ބޮޑުކުރެވޭނެއެވެ.

އާސަހަރާ އިތުރަށް ތަރައްޤީކުރުމަށް މިދިޔަ އަހަރުގެ މެއި މަހު ބަންދުކުރުމާ ގުޅިގެން މާލެއިން ނިޔާވާ މީހުންގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދަނީ ހުޅުމާލޭ ސަހަރާގައެވެ.

މާލޭގެ އާސަހަރާ މަރާމާތުކުރުމުގެ މުޅި މަޝްރޫޢަށް 11.6 މިލިއަން ރުފިޔާ ހޭދަވެފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއެވެ.