ޚަބަރު

24 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ އަޑުއެހުން ނިންމާލައިފި


ބޭރު ބަޔަކާއި ގުޅިގެން ރާއްޖެއަށް 24 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ދައުލަތުން ދައުވާކުރާ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފިއެވެ.

މަގުމަތީ އަގުގެ ގޮތުގައި 100 މިލިޔަނަށްވުރެ ގިނަ ރުފިޔާ އަރާނެކަމަށް ބެލެވޭ މަސްތުވާތަކެތީގެ މައްސަލާގައި ދައުލަތުން ދައުވާ އުފުއްލަވާފައިވަނީ ހ.އެވަރޕީސް އަބްދުﷲ ސޮފްވަތާއި ގ ޓްރަސްޓްހޯމް އިސްމާއިލް މޫސާގެ މައްޗަށެވެ. މި ދެމީހުން 24 ކިލޯގެ މަސްތުވާތަކެތި އެތެރެކޮށްފައިވަނީ ހޮރުމޯޒު ނަމަކަށް ކިޔާ އިރާނުގެ ބޯޓަކުން ގެނައި ޑިންގީއެއްގެ ތެރޭގައި ފޮރުވައިގެންކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މި ދެމީހުން އަތުލައިގެންފައިވަނީ އެ ޑިންގީ ބަލާ ދޯންޏެއްގައި އއ.މަތިވެރި ބޭރުން 30 ނޯޓިކަލް މޭލު ބޭރަށް ދަތުރުކޮށް އެ ޑީންގީ ހިފައިގެން އައިސް ހުޅުމާލޭ ގޮޑުދޮށަށް ފޭބި ވަގުތުކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މި ތަކެތި ބަލާ ދޯންޏެއްގައި މި މީހުން ދެރޭ ވަންދެން ކަނޑުމަތީ ހަރަކާތްތެރިވެފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

img:http://s1.psmnews.mv/images/660x400/14646035422599.jpg|ރާއްޖެއަށް އެތެރެކުރި 24 ކިލޯގެ މަސްތުވާތަކެތި- ފައިލް ފޮޓޯ: ޕީއެސްއެމް

މި މައްސަލާގައި އެންމެފަހުން ބޭއްވި އަޑުއެހުމުގައި ވާހަކަދައްކަވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ މަސްތުވާތަކެތި ފޮރުވައިގެން ގެނައި ޑިންގީއަކީ އަބްދުﷲ ސޮފްވަތާއި އިސްމާއިލް މޫސާގެ އެއްޗެއްކަން ހެކިންގެ ހެކިބަހުން އެގޭކަމަށެވެ. އަދި އެ ޑިންގީ ގެނައި އީރާނުގެ ބޯޓާއި ހަމައަށް އެ ޑިންގީ ބަލާ މި ދެމީހުން ދަތުރުކުރިކަން އެގޭކަންވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. ދިފާއުގައި ވާހަކަ ދައްކަމުން އިސްމާއިލް މޫސާ ވަކީލް ވިދާޅުވެފައިވަނީ ހެކިންގެ ހެކިބަހުގައި ބޮޑެތި ފުށުއެރުންތައް ހުރިކަމަށެވެ.

img:http://s4.psmnews.mv/images/660x400/14646035575804.jpg|ރާއްޖެއަށް އެތެރެކުރި 24 ކިލޯގެ މަސްތުވާތަކެތި- ފައިލް ފޮޓޯ: ޕީއެސްއެމް

އަބްދުﷲ ސޮފްވަތުގެ ފަރާތުން ޚުލާސާ ބަޔާން ހުށައެޅުމަށް އިތުރު ފުރުސަތަކަށް އެދުމުން އެ ފުރުސަތު ދެވެން ނެތްކަމަށް ކަނޑައަޅާ ކޯޓުން ވަނީ އަޑުއެހުންތައް ނިންމާލާފައެވެ. މި މައްސަލާގައި އަޑުއެހުންތައް ނިންމާލި ނަމަވެސް ހުކުމް ކުރައްވާނެ ދުވަހެއް ގާޒީ އިޢުލާންކުރައްވާފައެއްނުވެއެވެ.

ރާއްޖެއަށް 24 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި އެ ތަކެތި އެތެރެކުރި އީރާނުގެ ބޯޓްގެ ފަޅުވެރިންވެސް ހައްޔަރުކޮށްފައިވެއެވެ. އެހެންނަމަވެސް އެމީހުންގެ މައްޗަށް ދަޢުވާކުރެވޭ ވަރުގެ ހެކިނެތުމުން އެ އެންމެން ވަނީ ޑީޕޯޓްކޮށްލާފައެވެ. އަބްދުﷲ ސޮފްވަތާއި އިސްމާއިލް މޫސާގެ މައްޗަށް މި ކުށް ސާބިތިވެއްޖެނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.