ސިޔާސީ

ރައީސް މައުމޫނުގެ ތާއީދު ސަރުކާރަށް އެބައޮތް- ޕީޕީއެމް


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރަށް ކުރީގެ ރައީސް އަދި ވެރިކަންކުރާ ޕީ.ޕީ.އެމްގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އެއްބާރުލުން ދެއްވަން ބޭނުންފުޅު ނުވާކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރަމުންދާ ޚަބަރު އެޕާޓީން ދޮގުކޮށްފިއެވެ.

ޕީޕީއެމުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ބައެއް މީޑިއާތަކުން ރައީސް ޔާމީނާއި އެމަނިކުފާނުގެ ސަރުކާރަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އެއްބާރުލުންދެއްވަން ބޭނުންފުޅު ނުވާކަމަށް ބުނެ ފަތުރަމުންދާ ޚަބަރުތަކަކީ އެއްވެސް އަސްލެއްނެތް، ޕާޓީގެ މެންބަރުންގެ ތެރޭގައި ނުތަނަވަސްކަން އުފެއްދުމަށް ފަތުރަމުންދާ ޚަބަރުތަކެއްކަމަށެވެ.

ރައީސް މައުމޫން، ސަރުކާރަށް އެއްބާރުލުން ނުދެއްވާނެކަމަށް ވިދާޅުވެފައި ނުވާނެ ކަމަށާއި، އަދި ސަރުކާރު ދިފާޢު ނުކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވެފައި ނުވާނެކަމަށް ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

ބައެއް މީޑިއާތަކުން ފަތުރާފައިވާ ޚަބަރަކީ ވަރަށް ޒިންމާދާރުކަން ކުޑަ ހަބަރެއްކަމަށާއި ކަނޑައެޅިގެން ހަޤީޤަތާ ޚިލާފު ދޮގު ޚަބަރެއް ކަމަށް ބުނެ އެކަން ކުރި ފަރާތްތައް ޒިންމާދާރުކުރުވުމަށް ބްރޯޑްކާސްޓިން ކޮމިޝަނަށް ޕީޕީއެމްއިން ގޮވާލާފައިވެއެވެ.