އެމެރިކާގެ ނިއު ޔޯކުގައި މިހާރު ކުރިއަށްދާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް އެމެރިކާގެ ޓޭލާ ފްރިޓްސް ހޯދައިފިއެވެ.
މިއީ މިފަދަ މުބާރާތެއްގެ ސެމީ ފައިނަލުގެ ޖާގައެއް ފްރިޓްސްއަށް ހޯދުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން އޭނާ ކުއާޓަރ ފައިނަލުގައި ކުޅުނު ހަތަރު ފަހަރުވެސް ވަނީ ބަލިވެފަ އެވެ.
ސެމީ ފައިނަލުގެ ޖާގައެއް ފްރިޓްސް ހޯދާފައިވަނީ ޖަރުމަންވިލާތުގެ އެލެކްޒެންޑަރ ޒްވެރޭވް އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު ތިން ސެޓް އެއް ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ސެޓު ހަތެއް ހައެއް އިން ފްރިޓްސް ކާމިޔާބު ކުރި ނަމަވެސް ދެވަނަ ސެޓް ތިނެއް ހައެއް އިން ޒްވެރޭވް ވަނީ ކާމިޔާބުކޮށްފަ އެވެ. ނަމަވެސް ތިން ވަނަ ސެޓާއި ހަތަރު ވަނަ ސެޓް ފްރިޓްސް ވަނީ ހައެއް ހަތަރެއް އަދި 7-6 އިން ކާމިޔާބުކޮށްފަ އެވެ.
މި މެޗު ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދުމާއެކު ފްރިޓްސް ދެކެމުންދާ ހުވަފެން ހަގީހަތަކަށް ހެދުމުގެ ފުރުސަތު އަދިވެސް އޭނާއަށް އެބައޮތެވެ. އެއީ 2003 ވަނަ އަހަރު އެންޑީ ރޮޑިކް އަށް ފަހު ފްލަޝިންގ މެޑޯޒްގައި ފިރިހެން ސިންގަލްސް މުބާރާތް ކާމިޔާބުކުރާ ފުރަތަމަ އެމެރިކާގެ ކުޅުންތެރިޔާއަށް ވުމުގެ ހުވަފެނެވެ.
މި މުބާރާތުގެ ސެމީ ފައިނަލުގައި ފްރިޓްސް އާއި ދެކޮޅަށް ނިކުންނާނީ އެމެރިކާގެ ފްރެންސެސް ޓިއަފޯ އާއި ގްރިގޯ ޑިމިޓްރޯވް ކުޅޭ މެޗުން މޮޅުވާ ކުޅުންތެރިއެކެވެ.
ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ އަންވެސް ސިންގަލްސް އިވެންޓްގެ ސެމީ ފައިނަލުގެ ޖާގައެއް ދުނިޔޭގެ ދެވަނަ ޓެނިސް ކުޅުންތެރިޔާ އެރީނާ ސަބަލެންކާ ވަނީ ހޯދާފަ އެވެ. އޭނާ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ޗައިނާގެ ޒެންގް ކިންވެން އާއި ދެކޮޅަށް ކުޅުނު މެޗުން ސީދާ ސެޓުން ކާމިޔާބު ކޮށްގެންނެވެ.
ސަބަލެންކާ އާއި ދެކޮޅަށް ސެމީ ފައިނަލުގައި ނިކުންނާނީ އެމާ ނަވާރޯ އާއި ދެކޮޅަށެވެ. ނަވާރޯ ސެމީގެ ޖާގައެއް ކަށަވަރު ކޮށްފައިވަނީ ސްޕޭނުގެ ޕައުލާ ބަޑޯސާ ސީދާ ދެ ސެޓުން ބަލިކުރުމަށްފަހުގަ އެވެ.