ރާއްޖޭގެ ފުޓްބޯޅައިގެ ކަންކަން އެނގޭ މީހުން، އެ ކަންކަން އޮޅުވާލުމަށް މައުލޫމާތު ދިނުމަކީ މައްސަލައެއް ކަމަށް 17 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗު މުޙައްމަދު އާދަމް ބުނެފިއެވެ.
ބޫޓާނުގައި މި މަހު 20-30 އަށް ބާއްވާ 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ޒުވާން ޓީމުން ވަނީ މުޙައްމަދުގެ އިރުޝާދުގެ ދަށުން މީގެ މަހެއްހާ ދުވަސް ކުރިން ފަރިތަކުރުންތައް ފަށާފައެވެ. އެކަމަކު 17 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗުކަން މުޙައްމަދަށް ދިނުމުން, ފުޓްބޯޅައިގެ ބައެއް ތަޖުރިބާކާރުން ވަނީ އެކަމާ ސުވާލު އުފައްދާފައެވެ. އެގޮތުން ރާއްޖޭގެ އޮންލައިން ނޫސް "މިހާރު" ގައި ޝާއިއުކޮށްފައިވާ ޚަބަރެއްގައި، ދިވެހި ބައެއް ކޯޗުން ވަނީ އެކަމަށް ފާޑު ކިޔާފައެވެ.
އެ ޚަބަރުގައިވާ ގޮތުން މުޙައްމަދަށް ރާއްޖޭގެ ޒުވާން ޓީމުގެ ކޯޗުކަން ދިނުމުން ސުވާލު އުފެއްދި، ސަބަބަކީ މީގެ ކުރިން ޔޫތު ފުޓްބޯޅައިގެ އެކަށީގެންވާ މަސައްކަތެއް އޭނާ ކޮށްފައި ނުވުމުންނެވެ. މިކަމާ ގުޅޭ ގޮތުން "ޕީއެސްއެމް ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި މުޙައްމަދު ބުނީ މައްސަލައަކަށް ދިމާވީ އޭނާއަކީ ފުޓްބޯޅައިގައި ނޫޅޭ މީހެއް ކަމަށް ބުނުން ކަމަށެވެ. އަދި އޭނާގެ އިތުރުން 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗު އަޙްމަދު ޝާކިރު (ޝާކިއްޓޭ) އާ ދިމާލަށްވެސް އެފަދައިން ބުނެފައިވާ ކަމަށާއި، އެކަމަކު އެންމެ ފަހުން ދިޔަ ރާއްޖޭގެ ގައުމީ ސީނިއާ ޓީމުގެ އެސިސްޓަންޓް ކޯޗުންގެ ގޮތުގައި މަސައްކަތްކޮށްފައިވަނީ އޭނާ އާއި ޝާކިއްޓޭ ކަމަށްވެސް ވަނީ ބުނެފައެވެ.
"މީގަ އުޅޭނެ ހިތްހަމަޖެހޭ މީހުންނާއި ހިތްހަމަނުޖެހޭ މީހުން. ދެން އަޅުގަނޑަށް މީގަ ހަމައެކަނި މައްސަލައަކަށް ދިމާވީ އަޅުގަނޑު ފުޓްބޯޅައިގައި ނޫޅެއޭ ބުނީމަ. ދޮގު މައުލޫމާތު ދީގެން އެކަހަލަ ކަންތައްތައް އެއީ އަޅުގަނޑު އެހާ ހިތްހަމަޖެހޭ ކަމެއް ނޫން." މުޙައްމަދު ބުންޏެވެ.
"މިހާރު" ނޫހުން ޝާއިއުކޮށްފައިވާ ޚަބަރުގައި ވަނީ މުޙައްމަދާ މެދު އުފައްދާ ސުވާލުތަކަށް އޭނާގެ ބަހެއް ހޯދަން ތަކުރާރުކޮށް ގުޅައި، ފޯނަށް ގުޅޭ ގޮތެއް ނުވުމުން، އޭނާގެ ބަހެއް ލިބިފައިނުވާ ކަމަށް ބުނެފައެވެ. އެކަމަށް އިޝާރާތްކޮށް މުޙައްމަދު ބުނީ އޭނާ އަކީ އެއްވެސް މީހަކަށް، އެއްވެސް އިރަކު ފޯނަށް ޖަވާބުނުދީ ހުންނާނެ މީހެއް ނޫން ކަމަށެވެ. އެގޮތުން 17 އަހަރުން ދަށުގެ ޓީމުން ބައެއް ކުދިން ވަކިކުރުމާއެކު، ދެތިން ބެލެނިވެރިން އޭނާއަށް ގުޅި ކަމަށާއި، އެ ބެލެނިވެރިންނަށްވެސް އެ ކުދިންގެ ހުރިހާ މައުލޫމާތެއް ކިޔާދީފައިވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
"ފޯނު ނަގަން ބޭނުން ނޫން ނަމަ، ނޫނީ ފޯނު ނުނަގާ ހުންނާނެ މީހެއް ނަމަ، އެ ބެލެނިވެރިން ގުޅީމަކާ ޖަވާބެއް ނުދޭނެ. އަޅުގަނޑު އެ ކުދިންގެ އިމްޕްރޫވް ކުރަންވީ ކަންތައްތަކާ، އެ ހުރިހާ އެއްޗެއް އަޅުގަނޑު ކިޔާދިނިން، އަދި އެ ބެލެނިވެރިން ގަބޫލުވެސް ކުރި. އެހެންވީމާ އެއީ އަޅުގަނޑަށް އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން." މުޙައްމަދު ބުންޏެވެ.
މީގެ އިތުރުން މުޙައްމަދު ބުނީ އެފްއޭއެމްގެ ތެރޭގައި މިހާރު ތިބި މުވައްޒަފުންނަކީ ފުޓްބޯޅައިގެ ލޯބީގައި މަސައްކަތްކުރަމުން އަންނަ މީހުން ކަމަށެވެ. އެގޮތުން ގިނަ ދުވަސްތަކެއް ވަންދެން މުސާރަ ނުލިބި ތިބިއިރު، މަސައްކަތްކުރަމުންދަނީ ފުޓްބޯޅައިގެ ލޯބީގައި ކަމަށްވެސް ވަނީ ބުނެފައެވެ. އަދި ފުޓްބޯޅަ އެ ހާލަތުގައި އޮތްއިރު އަޅާލާނެ އެއްވެސް މީހަކު ނެތް ކަމަށާއި، އެކަމަކު މިހާރު އުއްމީދުތަކެއް ފެނުމާއެކު، އެކަމަށް ނުކުންނަ މީހުން ގިނަ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
"އަޅުގަނޑުމެން މި ތިބީ ހަމަ އަޅުގަނޑުމެންނަށްވުރެ ރަނގަޅު ބަޔަކު މިކަމާ ހަވާލުވެއްޖެނަމަ މިކަން ދޫކޮށްލަން. އަޅުގަނަޑަށް ހަމައެކަނި މައްސަލައަކަށް ވަނީ ކަންތައްތައް އެނގޭ މީހުން، މި ކަމުގައި އޮޅުވާލުމަށް މައުލޫމާތުދޭތީ." މުޙައްމަދު ބުންޏެވެ.
ޑިފެންޑަރެއްގެ ގޮތުގައި ފުޓްބޯޅަ ކެރިއަރު ހޭދަކުރި މުޙައްމަދުގެ ކޯޗިން ކެރިއަރުގައި އެންމެ ބޮޑު އުސްއައްޔަކީ ސްރީ ލަންކާގެ ޓީމުތަކުގައި އޭނާ ކޮށްފައިވާ މަސައްކަތްތަކެވެ. އަދި އޭނާ އަކީ މީގެ ކުރިން ވިކްޓަރީ ސްޕޯޓްސް ކުލަބާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ފުރަތަމަ ޑިވިޝަނުގައި ކޯޗުކޮށްދީފައިވާ ކޯޗެކެވެ. މުޙައްމަދުގެ އިރުޝާދުގެ ދަށުން 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕާ ރާއްޖެ ކުރިމަތިލާއިރު، އެ މުބާރާތުގައި ރާއްޖެ ހިމެނެނީ އިންޑިއާ އާއި ބަންގްލަދޭޝް އާއެކު ގްރޫޕް އޭގައެވެ. ގްރޫޕް ބީގައި ހިމެނެނީ ބޫޓާންގެ އިތުރުން ނޭޕާލާއި، ޕާކިސްތާން އަދި ސްރީ ލަންކާއެވެ.