ޚަބަރު

މިދިޔަ މަހު ކުރި ވިއްސާރައިގައި ގެތަކަށް މިލިޔަނަކަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު


  • 10 ރަށެއްގެ 89 ގެއަކަށް ގެއްލުން ލިބުނު

މިދިޔަ މަހު ކުރި ވިއްސާރާގައި ގެތަކަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ގެއްލުންތައް ލިބުނުކަމަށް ނޭޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެން.ޑީ.އެމް.އޭއިން ވިދާޅުވެއްޖެއެވެ.

މިދިޔަ މަހު ރާއްޖެއަށް ކުރި ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. މި ވިއްސާރަ ޑިސެމްބަރު މަހާ ހަމައަށް ދެމިގެންދާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ. މި ވިއްސާރާގައި މާލޭގެ އިތުުރުން ރަށްތައް ފެންބޮޑުވެ، ގެތަކަށް ވަނީ ގެއްލުން ލިބިފައެވެ.

ވިއްސާރާގައި ލިބުނު ގެއްލުންތަކާ ގުޅޭގޮތުން ނޭޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވީ، 8 އޮގަސްޓް އިން ފެށިގެން ރާއްޖެއަށް ކުރަމުން އައި ވިއްސާރާގައި، އޮގަސްޓް މަހުގެ ނިޔަލަށް 10 ރަށެއްގެ 89 ގެއަކަށް ގެއްލުން ލިބުނު ކަމަށެވެ.

ގެތަކަށާއި ހިފާ ގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުމުގެ އަގު 1,084,169 ރުފިޔާއަށް އަރާނެ ކަމަށް ވަޒަންކުރެވިފައިވާ ކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ.

އެންޑީއެމްއޭއިން އިތުރަށް ވިދާޅުވީ ހއ.ހޯރަފުށި، ހއ.އުލިގަމް، ހއ.އިހަވަނދޫ، ހއ.ކެލާ، ހއ.ބާރަށް، ހދ.ކުޅުދުއްފުށި، ބ.އޭދަފުށި، އއ.އުކުޅަސް، ސ.ހިތަދޫ އަދި ސ.ފޭދޫގެ އިތުރުން މާލެ ގެ ގެތަކަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް އެ އޮތޯރިޓީން ކުރައްވަމުން ގެންދަވާ ކަމަށެވެ.