އަނިޔާއިން އެއްކިބާވެފައިވާ މާޙައުލެއްގައި ކުއްޖާ ހެދިބޮޑުވުމުގެ ފުރުސަތު ސަރުކާރުން ކަށަވަރުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ކުޑަކުދިންގެ ހައްޤުތަކާއި ރައްކާތެރިކަމާއި ގުޅޭ ޤައުމީ ޕްލޭން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ، ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ޤާއިމުކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ. އެ ޒިންމާގެ ދަށުން ކުޑަކުދިންގެ ހައްޤުތަކާއި ރައްކާތެރިކަމާއި ގުޅޭ ޤައުމީ ޕްލޭން އިފްތިތާހުކޮށްފައިވާއިރު ކަމާގުޅޭ މުއައްސަސާތަކަށް އެ މަގަށް މަސައްކަތްތައް ބައްޓަން ކުރައްވަން ފަސޭހަވެގެންދާނެ ކަމަށެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާހުއްޓުވުމާއި، އެކަމަށް އިޖާބަދިނުމާ ބެހޭ ޤައުމީ އެކްޝަން ޕްލޭން އިފްތިތާޙްކުރުމާއެކު، ގިނަ މައްސަލަތަކެއް ހައްލުވެގެންދާނެކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ، އެޕްލޭނަކީ ހަމައެކަނި ޕޮލިސީއެއް ނޫން ކަމަށެވެ. އެއީ ކުޑަކުދިންނަށް ކުރާ އަނިޔާހުއްޓުވައި، ހިމާޔަތްކޮށް، އެކަމަށް އިޖާބަ ދޭނެ ގޮތްތައް ބަޔާންކުރާ، ވަރަށް ފުރިހަމަ ސާފު މަގުޗާޓެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ތަޞައްވުރު ވަރަށް ސާފު، ކުޑަކުއްޖަކު އަނިޔާއިން އެއްކިބާވެފައިވާ މާޙައުލެއްގައި ހެދިބޮޑުވުމުގެ ފުރުސަތު ފަހިކޮށް، ޒިންމާދާރު ހަރުދަނާ ފަރުދަކަށް ހަދަންޖެހޭނެ. މި ތަޞައްވުރު ގެނައުމަށްޓަކައި ބޭނުންވަނީ އެއްބައިވަންތަ މަސައްކަތެއް. އަދި މިކަމަށް ހޭލުންތެރިކަން އިތުރުކުރަން ޖެހޭ" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.
ސާޖިދާ ވިދާޅުވީ މިއީ މި ޤައުމުގެ ކޮންމެ ކުއްޖަކީވެސް، ލިބޭ ގެއްލުމުން ސަލާމަތްވުމުގެ އިތުރުން، ރައްކާތެރި މާޙައުލެއްގައި ކުރިއެރުމުގެ ބާރު ލިބިގެންވާ ކުއްޖަކަށް ހެދުމަށް ޓަކައި ކޮންމެހެން ކުރަންޖެހޭ ދަތުރެއްގެ ފެށުން ކަމަށެވެ.
"އެމީހުން ހިމާޔަތް ކުރުމަކީ އަޅުގަނޑުމެންގެ ވާޖިބެއް. "ކޮންމެ ކުއްޖަކަށް އާއިލާއެއް" މި ޝިއާރުގެ ދަށުން ދައްކުވައިދެނީ ކޮންމެ ކުއްޖަކަށްވެސް ލޯބިވާ އަޅާލާ ޢާއިލީ މާހައުލެއް ހޯދައިދިނުމަށް އަޅުގަނޑުމެން ސާބިތުކަމާއެކު ދެމިތިބޭނެކަން. ނަމަވެސް ހަމައެކަނި ލަފުޒުތަކުން ނުފުދޭ. ކުޑަކުދިންނަށް ކުރާ އަނިޔާއާއި ގޯނާގެ މައްސަލަތަކުގައި ވަގުތުން ފިޔަވަޅު އަޅަންޖެހޭނެ" ސާޖިދާ ވިދާޅުވިއެވެ.
ކުޑަކުދިންނަށް ލިބޭ އަނިޔާއިން ސަލަމާތް ކުރުމަކީ ހަމައެކަނި އެކަކުގެ ޒިންމާއެއް ނޫން ކަމަށާއި އެންމެން އެކުގައި މަސައްކަތްކޮށްގެން އެ މަޤްސަދު ހާސިލްކުރެއްވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.