ޚަބަރު

ބަންދު ދެ ދުވަހުވެސް ޕާސްޕޯޓު ހެއްދުމުގެ ޚިދުމަތް އިމިގްރޭޝަނުން ދެނީ


  • ބުދަ ބުރާސްފަތި ދެދުވަހުވެސް ޕާސްޕޯޓު ހެދުމުގެ ޚިދުމަތްދޭނެ

  • 24 ގަޑިއިރު އިމުގާ ޕޯޓަލްއިން ހުށައެޅޭނެ

  • 08:30 އިން 14:00 އަށް ޕާސްޕޯތު ދޫކުރާނެ

ޤައުމީ ދުވަހާއި ގުޅިގެން ބަންދުވާ ދެ ދުވަހުވެސް މޯލްޑިވްސް އިމިގްރޭޝަންގެ މާލެ އޮފީހުން ޕާސްޕޯޓުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާކަމަށް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ޤައުމީ ދުވަހަކީ މިހަފްތާގެ ބުދަ ދުވަހެވެ. އަދި ހަފްތާގެ ފަހު ދުވަސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވާފައެވެ. އެދުވަސް ބަންދު ނަމަވެސް މޯލްޑިވްސް އިމިގްރޭޝަންގެ މާލެ އޮފީހުން ޕާސްޕޯޓުގެ ޚިދުމަތް ދެމުންގެންދާނެކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

އިމިގްރޭޝަނުން ވިދާޅުވީ، ޕާސްޕޯޓު ހެދުމަށްޓަކައި އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ހުށައެޅުމުގެ ފުރުޞަތު އޮންނާނެކަމަށެވެ. އަދި ޕާސްޕޯޓު ދޫކުރުމަށްޓަކައި ނަންބަރު ދޫކުރުން ހެނދުނު 08:30 އިން މެންދުރު 14:00 އަށް ކުރިއަށްދާނެކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

ޢާއްމުގޮތެއްގައި ބަންދު ދުވަސްތަކާއި ދިމާކޮށްވެސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނަށް މެދު ކެނޑުމެއްނެތި ފޯރުކޮށްދެއެވެ.

ސްކޫލް ބަންދު ދުވަސްތަކާއި ދިމާކޮށް ގިނަ ބަޔަކު ޕާސްޕޯޓު ހައްދައެވެ. ބަންދު ދުވަސްތަކުގެ ކުރިއަށް ދުރާލާ ޕާސްޕޯޓުގެ މުއްދަތު ބެލުމަށްފަހު ޕާސްޕޯޓު ހެއްދުމަށް ހުށައެޅުމަށް އިމިގްރޭޝަނުން އިލްތިމާސްކުރެއެވެ. އެހެންނަމަވެސް އިމަރޖެންސީ ޙާލަތްތަކުގައިވެސް ޕާސްޕޯޓުގެ ޚިދުމަތް އެއިދާރާއިން ފޯރުކޮށްދެއެވެ.