ޚަބަރު

ބިދޭސީން ގެނެވޭ އަދަދު ވުޒާރާއަށް ކަނޑައެޅޭގޮތަށް ޤާނޫނަށް ގެނައި އިސްލާހު، ރައީސް ތަސްދީގުކުރައްވައިފި


  • ކުރިން އެއް ޤައުމަކުން އެންމެ ގިނަވެގެން ގެނެވޭނީ އެއް ލައްކަ މީހުން

  • ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތައް ޖޫރިމަނާކުރާނެ

  • މި އިސްލާހާއެކު ނޯޓިސް ދިނުމަކާނުލައި އިންސްޕެކްޓަރުންނަށް ވަރކްސައިޓަށް ވަދެ ބަލައި ފާސްކުރެވޭނެ

މަސައްކަތްތެރިންގެ ގޮތުގައި ބިދޭސީން ގެނެވޭ އަދަދު ކަނޑައެޅުމުގެ ބާރު އެއިރެއްގައި ސަރުކާރުން އެ ޒިންމާއެއް ހަވާލުކޮށްފައިވާ ވުޒާރާއަކަށް ލިބޭގޮތަށް ވަޒީފާއާބެހޭ ޤާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގުކުރައްވައިފިއެވެ.

ވަޒީފާއާބެހޭ ޤާނޫނަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 19ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ. މި ޤާނޫނުގައި ކުރިން އޮންނަ ގޮތުން މަސައްކަތްތެރިންގެ ގޮތުގައި އެއް ޤައުމަކުން އެންމެ ގިނަވެގެން ގެނެވޭނީ އެއް ލައްކަ މީހުންނެވެ.


ވަޒީފާއާ ބެހޭ ޤާނޫނަށް ގެނައި އިސްލާހުގައި ވަނީ ރާއްޖޭގަ ވަޒީފާ އަދާކުރަން ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތައް ކަނޑައަޅާނީ ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ހަދާ ޤަވާއިދަކުން ކަމަށެވެ. އަދި އެ ޤަވާއިދުގައި އަހަރެއްގެ ތެރޭގައި ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތައް ކަނޑައެޅުމުގަ އެކިއެކި ސިނާއަތްތަކާއި މަސައްކަތުގެ ބާވަތަށް އަދި ހުނަރުގެ މިންވަރަށް ބިނާކޮށް ތަފާތު ގިންތިތަކަށް ތަފާތު މިންގަނޑުތައްވެސް ކަނޑައެޅޭނެކަމަށް އިސްލާހުގައިވެއެވެ.

އަދި އެގޮތަށް ކަމެއް ކަނޑައަޅަންވާނީ ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރުމުގެ ސަބަބުން ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ކުރާނެ އަސަރު ދެނެގަތުމަށް އެސެސްމަންޓެއް ހަދައި، ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިންކަމަށްވެސް މި އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.

އެސެސްމަންޓަށްފަހު ބިދޭސީން ރާއްޖެއަށް ގެނައުމުގައި ކަންކަން ކަނޑައެޅުމުގައި ރިއާޔަތްކުރަންޖެހޭ ކަންތައްތައް:

- ޤައުމުގެ އިގްތިސާދީ ނުވަތަ އިޖުތިމާއީ ތަރައްގީއަށް މުހިންމު ސިނާއަތެއް ނުވަތަ ވިޔަފާރިއެއް ނުވަތަ ފަންނެއް ކުރިއެރުވުމަށް ކޮންމެހެން މުހިންމު ވަޒީފާތަކަށް ދިވެހިން ލިބެން ނެތުން ނުވަތަ ލިބޭ މިންވަރު މަދުވުން.
- ވަކި ދާއިރާއަކުން ދިވެހި މަސައްކަތްތެރިން ނުލިބޭނަމަ ނުވަތަ މަދުނަމަ އެ ދާއިރާގެ ތަރައްގީއަށް ކުރާނެ ނޭދެވޭ އަސަރު.
- ވަކި ދާއިރާއެއްގަ ބިދޭސީ މަސައްކަތްތެރިން ހިމަނައިފިނަމަ ޤައުމީ ސަލާމަތާށް އަސަރުކޮށްފާނެ މިންވަރު.


ވަޒީފާއާ ބެހޭ ޤާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން ވަޒީފާދޭ ފަރާތްތަކުން ބިދޭސީން މަސައްކަތް ކުރާނެ ވަރކް ސައިޓް ރަޖިސްޓްރީކޮށް، ހޯދަންޖެހޭ ހުއްދަތައް ހޯދައި، ކޯޓާ ހޯދަންޖެހޭނެއެވެ. އަދި ބިދޭސީ މީހާގެ ވަޒީފާދޭ ފަރާތް ނުވަތަ ވަޒީފާ އަދާކުރާ ސައިޓް ބަދަލުކުރެވޭނީ ޤާނޫނުގެ ދަށުން ހަދާ ޤަވާއިދަކުންކަމަށްވެސް އިސްލާހުގައިވެއެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް ބަލައި ފާސްކުރާ އިންސްޕެކްޓަރުންނަށް ލިބިގެންވާ ބާރުތައްވެސް މި އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން، ނޯޓިސް ދިނުމަކާ ނުލައި ވަރކްސައިޓަށް ވަދެ ބަލައި ފާސްކުރުމުގެ ބާރު އެ އިންސްޕެކްޓަރުންނަށް ލިބެއެވެ. ނަމަވެސް އެއީ މީހުން ދިރުއުޅޭތަނެއްނަމަ އެތަނުގެ ވެރިފަރާތުގެ ހުއްދަ ހޯދަންޖެހޭނެ ކަމަށް ޤާނޫނަށް ގެންނަ އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.

މި އިސްލާހުގެ ދަށުން ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރާ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވުމާއި ވަރކް ސައިޓް ބަންދުކުރުމާއި އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމާއި ޖޫރިމަނާކުރުން އަދި އެ ބިދޭސީ މީހާއަށް ވަޒީފާދޭ ފަރާތުގެ ހުއްދަ ބާތިލުކުރުމުގެ ބާރު އެއިރެއްގައި ބިދޭސީ މަސައްކަތްތެރިންގެ ކަންކަން ހަވާލުކޮށްފައިވާ ވުޒާރާއަކަށް ލިބެއެވެ. މިހާރު އެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވަނީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއާއެވެ.

ރާއްޖެއަށް ބިދޭސީ މަސައްކަތްތެރިން ގެނައުމަށްފަހު އިހުމާލުވާ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތައްވެސް މި އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން، އިހުމާލުވާ ފަރާތްތަކުގެ މައުލޫމާތު އާއްމުކުރުމަށްފަހު، އިހުމާލުވާ ކޮންމެ މުވައްޒަފަކަށް 50،000 ރުފިޔާގެ މަގުން ޖޫރިމަނާކުރާނެއެވެ. އަދި ތަކުރާރުކޮށް އިހުމާލުވާނަމަ ޖޫރިމަނާ ކުރުމުގެ އިތުރުން ގަވާއިދުގެ ދަށުން ކަނޑައަޅާ މުއްދަތަކަށް އެ ފަރާތަކަށް ދޭ ޚިދުމަތްތައް ހުއްޓާލުމަށްވެސް މި އިސްލާހުގައި ވަނީ ހިމަނާފައެވެ.

މި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވާފައިވާއިރު ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން އެކުލަވާލާފައިވާ ޤަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް، ޤާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންޖެހެއެވެ.