ޚަބަރު

ކްރިސްޓަލް ޕެލަސް އިން ޗެލްސީ ހިފަހައްޓައިފި


އިނގިރޭސި ޕްރިމިއަރ ލީގުގައި ކްރިސްޓަލް ޕެލަސް އާއި ޗެލްސީ ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.

ޗެލްސީގެ ސްޓެމްފަޑް ބްރިޖްގައި ކުޅުނު މި މެޗަށް ނިކުތްއިރު މިދިޔަ ހަފްތާގައި ވޮލްވްސްގެ މައްޗަށް ތަފާތު ބޮޑު ނަތީޖާއަކުން ކުރި ހޯދުމާއި ގުޅިގެން ގިނަ ބަޔަކު ހީކުރީ 17 ވަނައިގައި މިވަގުތު އޮތް ކްރިސްޓަލް ޕެލަސް އަތުން ޗެލްސީ މޮޅުވާނެ ކަމަށެވެ.

ނަމަވެސް މެޗު ފަށައިގެން 25 ވަނަ މިނިޓްގައި ޗެލްސީގެ ނިކޮލަސް ޖެކްސަން ލަނޑެއް ކާމިޔާބުކޮށް ޗެލްސީއަށް ކުރި ހޯދަދިން ނަމަވެސް އެ ޓީމުގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެކެވެ.

މެޗުގެ ފުރަތަމަ ހާފް 1-0 ގެ ނަތީޖާއަކުން ޗެލްސީ ނިންމާލި ނަމަވެސް ދެވަނަ ހާފްގެ ކުޅުނު ފެށުނުތާ އަށް ވަނަ މިނިޓްގައި ކްރިސްޓަލް ޕެލަސް އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އެޒޭ އެވެ. މިއީ ޕްރިމިއާ ލީގުގައި އޭނާ ޖެހި ފުރަތަމަ ލަނޑެވެ.

މި ލަނޑަށްފަހު ކްރިސްޓަލް ޕެލަސް އަށް ލީޑު ނަގާނެ ރަގަޅު ފުރުސަތެއް ލިބުނު ނަމަވެސް, ކަމާޑާ ފޮނުވާލި ބާރު ހަމަލާ ކީޕަރު ސަންޗޭޒް ވަނީ ދިފާޢުކޮށްފަ އެވެ.

މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި ޗެލްސީގެ ނިކޮލަސް ޖެކްސަން އަށް ވަނީ ދެވަނަ ފަހަރަށް ލީޑު ނަގަން ރަނުގެ ފުރުސަތެއް ލިބިފައެވެ. ނަމަވެސް މި މެޗުގައި މޮޅު ސޭވްތަކެއް ކޮށްފައިވާ ކްރިސްޓަލް ޕެލަސްގެ ކީޕަރު ހެންޑަސަން ވަނީ ޖެކްސަންގެ ހަމަލާ ދިފާއުކޮށްފަ އެވެ.

ޕްރިމިއާ ލީގުގައި މިރޭ ނިއު ކާސަލް ޔުނައިޓެޑް ވަނީ 2-1 ގެ ނަތީޖާއަކުން ޓޮޓްންހަމް ހޮޓްސްޕަރ ބަލިކޮށްފަ އެވެ.