ލިވަޕޫލަކީ ހުރިހާ ގޮތަކުންވެސް މެންޗެސްޓާ ޔުނައިޓެޑަށްވުރެ ވަރުގަދަ ޓީމެއް ކަމަށް އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މާދަމާ ލިވަޕޫލް އާއި ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ޓެންހާގް ބުނެފައިވަނީ މި މެޗަށް ނިކުންނައިރު ލިވަޕޫލްއަށް ހުރިހާ ގޮތަކުންވެސް އެޑްވާންޓޭޖް އެބައޮތް ކަމަށެވެ.
އެގޮތުން ލިވަޕޫލްގެ ޓީމަކީ ގިނަ ދުވަސްތަކެއް ވަންދެން އެކުގައި މަސައްކަތް ކުރި ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ޓީމެއް ކަމަށާއި ނަމަވެސް އެއާއި ޚިލާފަށް މެންޗެސްޓަރ ޔުނައިޓެޑަކީ އަލަށް ޓީމެއް އުފައްދަން މަސައްކަތް ކުރާ ކްލަބެއް ކަމަށެވެ.
މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރެފަޑްގައި ކުޅޭ މިމެޗަށް ދެ ޓީމު ތައްޔާރު ވަމުންދާއިރު, 2022 ވަނަ އަހަރުގެ އޮގަސްޓް މަހު އެފްއޭ ކަޕްގެ ފައިނަލް މެޗު 4-3 އިން ކާމިޔާބު ކުރި ފަހުން އެ ކްލަބަށް ވަނީ ލިވަޕޫލްގެ މައްޗަށް ކުރި ހޯދުމަށް ނުކުޅެދިފަ އެވެ.
ލިވަޕޫލްގެ އާ ކޯޗު ސްލޮޓްގެ އިރުޝާދުގެ ދަށުން ރަގަޅު ކުޅުމެއް ދައްކަމުން އަންނަ ލިވަޕޫލް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 2 މެޗުވެސް ކާމިޔާބުކޮށްފަ އެވެ. މެންޗެސްޓަރ ޔުނައިޓެޑް އެއް މެޗުން ބަލިވެ އެއް މެޗުން ވަނީ މޮޅުވެފަ އެވެ.
ސްލޮޓް ވެފައިވަނީ 1991 ވަނަ އަހަރު ގްރޭމް ސޫނެސްގެ އިރުޝާދުގެ ދަށުން ލިވަޕޫލް އިން ސީޒަނުގެ ފުރަތަމަ ދެ މެޗު ކާމިޔާބުކުރި ފަހުން, ލީގުގެ ފުރަތަމަ ދެ މެޗު ކާމިޔާބުކުރި ލިވަޕޫލްގެ ފުރަތަމަ ކޯޗަށެވެ.