ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ އެންމެ ފަހުގެ އަންހެން ޗެމްޕިއަން ކޮކޯ ގައުފް މުބާރާތުގެ ހަތަރު ވަނަ ބުރުގެ ޖާގައެއް ހޯދައިފި އެވެ.
ޔޫކްރޭންގެ އެލީނާ ސްވިޓޮލީނާ އާއި ދެކޮޅަށް އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ގައުފް ކުޅުނު މި މެޗު އޭނާ ކާމިޔާބު ކޮށްފައިވަނީ ފަހަތުން އަރާ 3-6, 6-3 އަދި 6-3 ގެ ނަތީޖާއަކުންނެވެ. މިއީ މި މުބާރާތުގައި މިހާތަނަށް އޭނާއަށް ކުރިމަތިވި އެންމެ އުނދަގޫ މެޗެވެ.
މުބާރާތުގައި ތިންވަނަ އަށް ސީޑު ކޮށްފައިވާ ގައުފް މި މުބާރާތާއި ކުރިމަތިލާފައިވަނީ 2014 ވަނަ އަހަރަށް ފަހު މި މުބާރާތުގެ ތަށި ޖެހިޖެހިގެން ދެވަނަ ފަހަރަށް ހޯދާ ފުރަތަމަ ކުޅުންތެރިޔާއަށް ވުމަށެވެ. 2014 ވަނަ އަހަރުގެ މުބާރާތް ޖެހިޖެހިގެން ކާމިޔާބުކޮށްފައިވަނީ އެމެރިކާގެ ސެރީނާ ވިލިއަމްސް އެވެ.
މެޗަށްފަހު ގައުފް ބުނެފައިވަނީ މި މެޗަށް ނިކުތްއިރުވެސް މިއީ އުނދަގޫ މެޗެއް ކަން އެނގޭ ކަމަށާއި އެލީނާ އަކީ އުނދަގޫ ކުޅުންތެރިއެއް ކަމަށެވެ.
މި މުބާރާތުގެ އަންހެން އިވެންޓުގައި އިއްޔެ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު, ޔުކްރޭންގެ މާޓާ ކޮސްޓުޔުކް އާއި ދެކޮޅަށް އެމާ ނަވާރޯ ކުޅުނު މެޗު ވަނީ 2 ސެޓް އެއް ސެޓުން ކާމިޔާބުކޮށްފަ އެވެ.
އަދި މުބާރާތުގައި 26 ވަނައަށް ސީޑު ކޮށްފައިވާ ސްޕޭނުގެ ޕައުލާ ބަޑޯސާ ވަނީ ރުމޭނިއާގެ އެލޭލާ ގެބްރިއެއްލާ ފަހަތަރު އަރާ 4-6, 6-1 އަދި 7-6 ގެ ނަތީޖާ އަކުން ބަލިކޮށް މުބާރާތުގެ ހަތަރުވަނަ ބުރުގެ ޖާގައެއް ފުރަތަމަ ފަހަރަށް ހޯދާފަ އެވެ.
މި މުބާރާތުގެ ހަތަރުވަނަ ބުރުގައި ބެޑޯސާ ނިކުންނާނީ ޗައިނާގެ ވަންގް ޔަފާން އާއި ދެކޮޅަށެވެ. އޭނާ ހަތަރުވަނަ ބުރުގެ ޖާގައެއް ހޯދާފައިވަނީ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ވިކްޓޯރިއާ އަޒަރެންކާ ބަލިކުރުމަށްފަހުގަ އެވެ. އަޒަރެންކާ ވަނީ 2012, 2013 އަދި 2020 ވަނަ އަހަރުގެ ޔޫއެސް އޯޕަންގެ ފައިނަލުގައި ކުޅެފަ އެވެ.