ޚަބަރު

ރެއާލް މެޑްރިޑަށް ހިތްދަތި ނަތީޖާއެއް


ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑުން ލަސް ޕަލްމާސްއާ ދެކޮޅަށް ކުޅުނު މެޗުން ބަލިނުވެ ސަލާމަތްވެއްޖެއެވެ.

ރަށުން ބޭރުގައި ރެއާލް މެޑްރިޑް ކުޅުނު މި މެޗުގެ ފަސް ވަނަ މިނިޓްގައި ލަސް ޕަލްމާސް އިން ވަނީ ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އަލްބާޓޯ މޮލެއިރޯ ތިރިން ގޯލުގެ ކަނަށް ފޮނުވާލާފައިވާ ގޯލަކުންނެވެ.

މި ލަނޑަށްފަހުވެސް ލަސް ޕަލްމާސް އަށް ވަނީ ލީޑު ފުޅާ ކުރުމަށް ރަގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ. މި މެޗުގައި ރެއާލް މެޑްރިޑްގެ ޑިފެންޑަރުންގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ވަރަށް ދަށް ކުޅުމެކެވެ.

ރެއާލް މެޑްރިޑަށް މި މެޗުގައި ހިތްހަމަ ޖެހުމެއް ލިބިގެން ގޮސްފައިވަނީ މެޗުގެ 69 ވަނަ މިނިޓްގައި ލަސް ޕަލްމާސްގެ އެލެކްސް ސުއަރޭޒް އޭރިޔާ ތެރެއިން ބޯޅައިގައި އަތްލުމާއި ގުޅިގެން އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުންނެވެ. މެޗުގެ ނަތީޖާ އެއްވަރު ވެފައިވަނީ ވިނިސިއަސް ޖޫނިއަރ ކާމިޔާބު ކޮށްދިން ޕެނަލްޓީ އިންނެވެ.

މި ލަނޑަށްފަހު އެމްބާޕޭ އަދި އެންޑްރިކް އަށް ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބިފައިވީ ނަމަވެސް ކާމިޔާބު ކުރެވޭ ގޮތް ވަނީ ނުވެފައެވެ. ރެއާލް މެޑްރިޑާއި އަލަށް ގުޅުނު ފްރާންސްގެ ކިލިއަން އެމްބާޕޭ މިހާތަނަށް އެ ޓީމަށް ތިން މެޗު ކުޅެދީފައިވީ ނަމަވެސް އަދި ވަނީ ލަނޑެއް ކާމިޔާބު ކުރެވޭ ގޮތް ނުވެފަ އެވެ.

މެޗުގެ ފަހު ވަގުތު ލަސް ޕަލްމާސް އިން ރެއާލް މެޑްރިޑްގެ ގޯލަށް ބޯޅަ ފޮނުވާލި ނަމަވެސް އެ ޓީމުގެ ޖެއިމޭ މާޓާ އޮފްސައިޑް ކަމަށް ރެފްރީ ވަނީ ނިންމާފަ އެވެ.

މި މެޗުން އެއްވަރު ވެފައިވާއިރު ރެއާލް މެޑްރިޑް ވަނީ ލީގުގައި މިހާތަނަށް މެޗަކުން ބަލިނުވެ 35 މެޗު ހަމަކޮށްފަ އެވެ. މި ސީޒަނުގައި މިހާތަނަށް ކުޅުނު ތިން މެޗުން އެ ޓީމަށް ލިބިފައިވަނީ 5 ޕޮއިންޓާއެކު ފަސް ވަނަ އެވެ.