ދިވެހި ތާރީޚު ބަދަލުކޮށްލި ސިނަމާލެ ބްރިޖު ހުޅުވީ 2018 ވަނަ އަހަރުއެވެ. މި ބްރިޖް ޤާއިމުކުރީ ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑް، ސީ.ސީ.ސީ.ސީއިންނެވެ. ބްރިޖު ހުޅުވުމުގެ ތާރީޚީ ރަސްމިއްޔާތުގައި ރެކޯޑް ޢަދަދަކަށް މީހުން ވެސް ބައިވެރިވިއެވެ. ބްރިޖް އާންމުންނަށް ހުޅުވުމުގެ ކުރިން އެތަނުގައި އެކި ކައިވެނި ހަފްލާތައް ވެސް ބޭއްވިއެވެ. ކޮންމެއަކަސް މި ބްރިޖް ހުޅުވިތާ މިއަދަށް މިވަނީ 6 އަހަރު ފުރިފައެވެ.
މީގެ 6 އަހަރު ކުރިއަށް ޖެހިލާއިރު ހުޅުމާލެއިން މާލެ އަންނަ މީހުން އަންނަނީ ފެރީގައެވެ. ޑިއުޓީއަށް ނުވަތަ ސްކޫލަށް ކުދިން ދިޔުމުގެ އެތައް ގަޑިއިރެއް ކުރިން ހޭލައިގެން ކަނޑެއް ހުރަސް ކުރުމަށްފަހު މާލެ އާދެއެވެ. ނަމަވެސް ކަނޑު ހުރަސްކޮށް މާލެއާއި ހުޅުލެ އަދި ހުޅުމާލެ ބްރިޖަކުން ގުޅުވާލުން ވެގެންދިޔައީ ރައްޔިތުންގެ ދިރިއުޅުމަށް އެތައް ފަސޭހައެއް ގެނުވިކަމަށެވެ.
ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް މަޝްރޫޢަކީ އިންޑިއާ ކަނޑުގެ ސަރަޙައްދުގައިވެސް، ކަނޑެއް ހުރަސްކޮށް ކުރިއަށްގެންދިޔަ އެންމެ ބޮޑު އަދި އެންމެ "ޗެލެންޖިން" މަސައްކަތެވެ. އެ ބުރިޖުގެ ސަބަބުން، ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބައި ރައްޔިތުންނަށް އޭގެ މަންފާ ލިބެމުންދެއެވެ. އަދި މިއީ ރާއްޖޭގެ "ލޭންޑް މާރކް" މަޝްރޫއުވެސްމެއެވެ.
ރާއްޖޭގެ ތާރީޚުގައި ހިންގި އެންމެ ބިޔަ އެއް މަޝްރޫޢުކަމުގައިވާ ސިނަމާލެ ބުރިޖަކީ އެބުރިޖްގެ ސަބަބުން، ރާއްޖޭގެ އިޤްތިޞާދު ކުރިއަރައި، ވަކިން ޚާއްޞަކޮށް މާލެ ޞަރަޙައްދުގެ ދަތުރުފަތުރުގެ ނިޒާމަށް އިންޤިލާބީ ބޮޑު ކުރިއެރުމެއް ލިބިގެންދާނެ މަޝްރޫޢެކެވެ. މިމަޝްރޫޢަކީ ދިވެހިރާއްޖޭގެ ވެރިރަށް މާލެއާ ދިވެހިންގެ ޤައުމީ ވައިގެ ބަނދަރު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި، ދިވެހިންގެ އުންމީދީ ސިޓީގެ ގޮތުގައި ތަރައްޤީކުރަމުން އަންނަ ހުޅުމާލެ އެއްގަމު ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލި މަޝްރޫއެވެ.
މީގެ ކުރިން އެއަރޕޯޓަށް ދިއުމަށާއި، ހުޅުމާލެ ދިއުމަށް ކަނޑުމަގުން ކުރަންޖެހޭ ދަތުރު ބައެއް ފަރާތްތަކަށް އެތަކެއް ތަކުލީފުތަކެއް އުފުލަންޖެހުނު ދަތުރުތަކެކެވެ. ވިއްސާރަވެ ކަނޑުގަދަވެ މޫސުން ކިތަންމެ ގޯސްވިނަމަވެސް ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށާއި، އެކި އެކި ބޭނުންތަކުގައި މާލެއިން ހުޅުމާލެއަށްދާ މީހުން ކަނޑުމަގުން ދަތުރުތައްކުރަމުންދެއެވެ. މޫސުން ގޯސްވެ ފެރީ ދަތުރުތައް ހުއްޓާލި ދުވަސްތައްވެސް މަދެއްނޫނެވެ. ނަމަވެސް މިހާރު އެއީ މާޒީއެވެ.
ބްރިޖާ ގުޅިގެން އާންމުންނަށް އެތައް ލުއިފަސޭހަތަކެއް ލިބިގެންދާއިރު ބްރިޖްގެ ރަނގަޅަށް ބެލެހެއްޓުމަކީ ވެސް މުހިންމު ކަމެކެވެ. މި ސަރުކާރުން ވަނީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިފް ބްރިޖްގެ މެއިންޓަނަންސްގެ މަސައްކަތް އިތުރު 3 އަހަރަށް ޗައިނާ ސަރުކާރުން ހިލޭ ކޮށްދިނުމަށް އެއްބަސްވެފައިވާކަމަށް ވިދާޅުވެފައެވެ. އަދި ދިވެހިން މި ބްރިޖްގެ މެއިންޓެއިނަނަސް މަސައްކަތްތަކަށް ތަމްރީނު ކުރުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.
ސިނަމާލެ ބްރިޖާގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އިންޖިނިއަރިންގެ ގޮތުން ބަލާއިރުވެސް، މިއީ އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ހިމެނޭ ޤައުމެއްގައިވެސް ކުރިއަށްގެންދިޔަ މިފަދަ އެންމެ ބޮޑު މަޝްރޫޢުކަމަށެވެ.
"ތިމާވެށީގެ ގޮތުން ބަލާއިރު ވަރަށް އުނދަގޫ ތަނެއްގައި ބްރިޖް އަޅާފައި މިވަނީ. އެތައް ދިރާސާއެއް ކުރަންޖެހުނު. ބިންގަނޑުގެ 110 މީޓަރު އަޑިއަށް ތަނބު ވަނީ ޖަހާފައި. ސަރަޙައްދުގެ ކަނޑުގެ ފުންމިން 45 މީޓަރު. އެހެންވީމަ 150 މީޓަރުގެ ޕައިލްތައް އެބަހުރި ޖަހާފައި." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އޭރުގެ ހައުސިން މިނިސްޓަރުގެ ޙައިސިއްޔަތުން، އަދި ޕްރޮފެޝަނަލް އިންޖިނިއަރެއްގެ ޙައިސިއްޔަތުންވެސް މިމަޝްރޫޢުގެ މަސައްކަތްތަކުގައި އެމަނިކުފާނު ވަނީ އިސްކޮށް ބައިވެރިވެވަޑައިގަންނަވާފައެވެ.
ސިނަމާލެ ބްރިޖަކީ ރާއްޖޭގައި މިހާތަނަށް ރާއްޖޭގައި ކުރިއަށްގެންދިޔަ ތަރައްޤީގެ އެންމެ ބޮޑު އެއް މަޝްރޫއެވެ. ރާއްޖެއާއި ޗައިނާއާއި ދެމެދު އޮންނަ ޒަމާންވީ އެކުވެރިކަމުގެ ގުޅުން ރަމްޒުކޮށްދޭ މި ބްރިޖުގައި ހުޅުލެއާއި މާލެ ގުޅާލަދޭ މި ބްރިޖުގެ ދިގުމިނުގައި 1.39 ކިލޯމީޓަރު ހުރެއެވެ. އަދި ބްރިޖުގެ ފުޅާމިނުގައި 20.3 މީޓަރު ހުންނައިރު، ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޚާއްޞަ 2 ލޭނާއި، ސައިކަލް ދުއްވަން ޚާއްޞަ ދެ ލޭނެއް އޮވެއެވެ.
މި ބްރިޖުގެ މަސައްކަތްތަކަށް ޖުމްލަ 300 މިލިއަން ޑޮލަރު ޚަރަދު ކުރިއެވެ. އޭގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ ގޮތުގައި ހަދިޔާކޮށްފައިވާ ފައިސާއެވެ. އަދި 170 މިލިއަން ޑޮލަރު ދިނީ ލޯނު އެހީގެ ގޮތުގައެވެ. ބްރިޖު މަޝްރޫޢަށް ދިވެހި ސަރުކާރުން 30 މިލިއަން ޑޮލަރު ޚަރަދުކުރިއެވެ.
ސިނަމާލޭ ބްރިޖަށް 6 އަހަރު ވެފައިވާއިރު، އެ ބްރިޖަކީ އެތައް ދުވަހަކަށް ރާއްޖޭގެ ރައްޔިތުން ދެކުނު ހުވަފެނެއްގައި ކުލަ ޖެހުނު އަދި ތަރައްގީގެ އިތުރު ހަރުފަތަކަށް ރާއްޖެ ދިއުމަށް މަގުފަހިކޮށްދިން ރާއްޖެއަށް މުހިންމު ބްރިޖެކެވެ.