ޚަބަރު

ފެހުރިހި އުޅޭ ސަރަޙައްދު ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭނެ ގޮތް ހަމަޖައްސާނަން: ތިމާވެށީގެ ވަޒީރު


  • ފެހުރިހި ބަލާލުމަށް ގިނަ ޢަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރޭ

  • ފެހުރިހި ބަލާލުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލެއް އިފްތިތާޙްކޮށްފައިވޭ

އދ. އަތޮޅުގައި އޮންނަ ފެހުރިހި މިޔަރު އެއްވާ ސަރަހައްދު ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭނެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ފަށްޓަވާފައިވާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ފެހުރިހި ފެންނަ ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ (ސަމްޕާ) ސަރަހައްދަކީ ރާއްޖޭގައި ހިމާޔަތް ކޮށްފައިވާ އެންމެ ބޮޑު އެއް ސަރަހައްދެވެ. އެއީ އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް ފެހުރިހި ފެންނަ ސަރަޙައްދުތަކުގެ ތެރޭގައި ދުނިޔެއިންވެސް ފާހަގަކޮށްލެވޭ ތަނެކެވެ.

ބައިނަލްއަޤުވާމީ ފެހުރިހީގެ ދުވަސް ފާހަގަކުރުމަށް އދ. ދިގުރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވަޒީރު ޠާރިޤް އިބްރާހީމްގެ ވާހަކަފުޅުގައިވަނީ، ފެހުރިއްސަކީ ދުނިޔޭގެ ނިސްބަތުން ވަރަށް މަދުން ފެންނަ މިޔަރުގެ ބާވަތެއްކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން ފެހިރިހި ބަލާލުމަށް އެތައް ސަތޭކަ ފަތުރުވެރިން، ރާއްޖެއަަށް ޒިޔާރަތްކުރާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ފެހުރިއްސަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިންމު ދިރުމެއް ކަމަށެވެ.

ފެހުރިއްސަކީ އިންސާނުންނަށް ގެއްލުމެއް ކުރިމަތިނުކުރާ މަޑުމައިތިރި މިޔަރެކެވެ. މިއީ ރާއްޖޭގައި ޙިމާޔަތްކޮށްފައިވާ މިޔަރުގެ ބަވަތެކެވެ. އަދި މި ބާވަތުގެ މިޔަރަކީ ދުނިޔެއިން ނެތުމުގެ ބިރު ހީވެފައިވާ ދިރުންތަކުގެ ލިސްޓުގައިވެސް ހިމެނޭ ދިރުމެކެވެ.

ތިމާވެށްޓާބެހޭ ވަޒީރު ވިދާޅުވީ ފެހުރިއްސަކީ ޙިމާޔަތްކޮށްފައިވާ މިޔަރަކަށްވާއިރު، އެ ބަލާލަންދާ މީހުންގެ ޢަމަލުތައް ހުންނަގޮތުގެ ސަބަބުން އެފަދަ މިޔަރުތަކަށް ގެއްލުންވާ ކަމަށެވެ. އެހެންކަމުން ފެހުރިހި އެއްވާ ސަރަހައްދުތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަކީ މުހިންމުކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ފެހުރިހި ގިނަ ޢަދަދަކަށް އެއްވާ އދ. އަތޮޅުގައި އޮންނަ ސައުތް އަރި މެރީން ޕްރޮޓެކްޓެޑް އޭރިޔާ، ސަމްޕާ ސަރަހައްދު ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭނެ ގޮތުގެ ޕްލޭންތަކެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ފަށްތަވާފައިވާކަމަށް ތިމާވެށްޓާބެހޭ ވަޒީރު ވިދާޅުވިއެވެ.

"ބައިނަލްއަޤުވާމީ ފެހުރިހީގެ ދުވަހާ ގުޅުވައިގެން މިހާރު ފެށިގެން މިދަނީ 47 މީހުން ހިމެނޭ ވަރކްޝޮޕެއް. ސަމްޕާ ސަރަހައްދު ބެލެހެއްޓުމަށް މިހާރުވަނީ 3 ރޭންޖާސް ނެގިފައި. ޑިސެންބަރު މަހުގެ ތެރޭގައި ސަމްޕާ ސަރަހައްދު ރަނގަޅު މެނޭޖްމެންޓް ޕްލޭނަކާއެކު ބެލެހެއްޓެން ފެށޭނެ." ތިމާވެށްޓާބެހޭ ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ސަމްޕާ ސަރަހައްދު ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭނެ ގޮތުގެ ޕްލޭންތަކެއް އެކުލަވާލުމަށް މަސައްކަތު ބައްދަލުވުންތަކެއްވަނީ މިއަދުވަނީ ފަށާފައެވެ. މި މަސައްކަތު ބައްދަލުވުމުގައި ސަމްޕާ ސަރަހައްދާ ކައިރި ހިސާބުތަކުގައި ހިމެނޭ ރިސޯޓްތަކާއި ގެސްޓް ހައުސްތަކާއި ރަށު ކައުންސިލްތަކުން ބައިވެރިވެފައިވެއެވެ.

ބައިނަލްއަޤުވާމީ ފެހުރިހީގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފެހުރިއްސާއި އެތަކެތީގެ މާޙައުލުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލެއް ވަނީ އިފްތިތާޙްކޮށްފައެވެ. މި އުޞޫލް އިފްތިތާޙްކޮށްދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ.

މި އުޞޫލްގައިވާގޮތުން ފެހުރިއްސަކާއި 3 މީޓަރަށްވުރެ ކައިރިވުމާއި، އޭގައި އަތްލާ ގޯނާކުރުމަކީ މަނާކަމެކެވެ. އަދި އެތަކެތި ދަތުރުކުރާ ދިމާލަށް ހުރަސްއަޅައިގެން ނުވާނެކަމަށާއި، ފެހުރިހި ކައިރިން ފީނާނަމަ މަދުވެގެން 20 މީޓަރު ދުރުމިން ބަހައްޓަންވާނެކަމަށް އުޞޫލުގައި ބަޔާންކޮށްފައިވެއެވެ.

ކޮންމެ އަހަރެއްގެވެސް ފެހުރިހީގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އޮގަސްޓްމަހުގެ 30 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރަނީ އިންސާނުންނާއި ތިމާވެށްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ފެހުރިއްސަށް ދިމާވާ އެކި މައްސަލަތައް ފާހަގަކޮށް، އެ ދިރުމުގެ މުހިންކަކާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ މަޤުޞަދުގައެވެ.