ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން 13 ޓަވަރެއްގެ ޢަމަލީ މަސައްކަތް މިވަގުތު ކުރިއަށްދާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސިން ވިދާޅުވެއްޖެއެވެ.
ހިޔާ ޓަވަރުތަކަށް އަރައި ފެބުމުގައި އެންމެ ބޮޑު ދައްޗެއްކަމަށް އެތަނުގައި ދިރިއުޅޭ ފަރާތްތަކުން ފާހަގަކުރާ ލިފްޓުތައް މަދުވުމުން ދިމާވާ ދަތިތަކަށް ޙައްލެއް ގެނެސްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އެގޮތުން ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކުރުމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ހިޔާ ފްލެޓްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ދިމާވާ ލިފްޓްގެ ދަތިކަމަށް ހައްލެއް ގެނައުމަށް އިތުރު ލިފްޓް ހަރުކުރުމަށް ކުރަމުންދާ މަސައްކަތް ހަލުވިކަމާއިއެކު ކުރިއަށް.#އެޗްޑީސީއާއެކު pic.twitter.com/vyKR6JmmMQ
— Housing Development Corporation (@hdcmaldives) August 28, 2024
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ވިދާޅުވީ، ހިޔާގެ 16 ޓަވަރުގައި އިތުރު ލިފްޓް ހަރުކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން މިވަގުތުވެސް 13 ޓަވަރެއްގެ މަސައްކަތް ކުރިއަށްދާއިރު، އަދި ބާކީ 3 ޓަވަރުގެ މަސައްކަތް ކުރިއަށްއޮތް 2 ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފެށިގެންދާނެކަމަށެވެ.
ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކުރުމުގެ މުޅި މަޝްރޫޢަށް ބަލާއިރު މިހާތަނަށް 23 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށްވެސް އެޗްޑީސީން ވިދާޅުވެއެވެ. އަމާޒަކީ އަންނަ އަހަރުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލުމަށްކަމަށްވެސް އެ ކޯޕަރޭޝަނުން ވިދާޅުވިއެވެ.
ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގްރޫޕާއި ޙަވާލުކޮށްގެންނެވެ. ހިޔާގެ 16 ޓަވަރުގެ ތެރެއިން ކޮންމެ ޓަވަރެއްގައި 2 ލިފްތު އިތުރުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ޖުމްލަ 32 ލިފްޓު ހަރުކުރުމަށްވަނީ ހަމަޖެހިފައެވެ. އެއީ ބަލި މީހުން އުފުލޭނެ އިންތިޒާމާއެކު ސްޓްރެޗަރ އެރުވޭގޮތަށް ހުންނަ ލިފްޓުތަކެކެވެ. 14 މީހުންގެ ޖާގައިގެ މިލިފްޓުތަކުގައި ލޮލަށް ފެނުމުން މަޙުރޫމްވެފައިވާ މީހުންނަށް އެނގޭނެހެން ފްލޯ ނަމްބަރު ބްރެއިލް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާކަމް އެޗްޑީސީން ފާހަގަކުރެއެވެ.