ޚަބަރު

ހުޅުމާލޭ އިސްރަށްވެހީންގެ މަރުކަޒުގެ އިންޓީރިއާ ޑިޒައިންކުރަން ވިލާ ކޮލެޖްގެ ދަރިވަރުންނަށް


  • ރާއްޖޭގެ ފުރަތަމަ އިންޓީރިއާ އާކިޓެކްޗަރ އެގްޒިބިޝަން ބޭއްވީ ވިލާ ކޮލެޖުން

  • މިއެގްޒިބިޝަންގައި ކޯހުގެ ދަރިވަރުންގެ 30 ޕްރޮޖެކްޓްވަނީ ދައްކާލާފައި

ސަރުކާރުން ހުޅުމާލޭގައި ތަރައްޤީކުރާ އިސްރަށްވެހިންގެ މަރުކަޒުގެ އިންޓީރިއާ ޑިޒައިންގެ މަސައްކަތް ވިލާ ކޮލެޖްގެ އާކިޓެކްޗަރ ޑިޒައިން ކޯހުގެ ދަރިވަރުންނަށް ހުޅުވާލައިގެން ކުރިއަށްގެންދަން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ނިންމައިފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ ވިލާ ކޮލެޖްގެ ބެޗެލާރ އޮފް އިންޓީރިއާ އާކިޓެކްޗަރ ޑިޒައިން ކޯހުގެ ދަރިވަރުންގެ އެގްޒިބިޝަންގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދެވެ.

ވިލާ ކޮލެޖުގެ ފުރަތަމަ އިންޓީރިއާ އާކިޓެކްޗަރ އެގްޒިބިޝަން ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ، އިންޓީރިއާ އާކިޓެކްޗަރގެ ދާއިރާއަކީ ރާއްޖޭގައި ކުރިއަށްދިއުމުގެ ފުރުސަތުއޮތް އަދި ޑިމާންޑުވެސް އިތުރުވަމުންދާ ދާއިރާއެއްކަމަށެވެ.

މީގެ އިތުރުން އުފެއްދުންތެރި އީޖާދީ ވިސްނުން ހުރި ދަރިވަރުންނަށް ބޭނުންޖެހިފައިވާ ދާއިރާއެއްކަން ފަޒުލް ފާހަގަކުރެއްވިއެވެ.

އެގޮތުން އިންޓީރިއާ އާކިޓެއްކޗަރގެ ދާއިރާއިން ހުރި ފުރުޞަތުތަކުގައި ދަރިވަރުންގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން އެޗްޑީސީގެ ފަރާތުން މަޝްރޫޢެއްގައި ޢަމަލީގޮތުން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަންނިންމީކަން އެކުންފުނީގެ އެމްޑީ ވަނީ ފާހަގަކުރައްވާފައެވެ.

"ސަރުކާރުގެ ސިޔާސަތުތަކުގެ ދަށުން އެޗްޑީސީން ދަނީ ޢުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ މަރުކަޒެއް ތަރައްޤީކުރަމުން. މިތަނުގެ އިންޓީރިއާ އާކިޓެކްޗަރއާއި ހިސާބަށް ދިޔުމުން އެމަސައްކަތްކުރުމުގެ ފުރުސަތު އަޅުގަނޑުމެން ތިޔަ ކުދިންނަށް ހުޅުވާލަން. މިއީ އެޗްޑީސީގެ ސީއެސްއާރްގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެއް. މިކަން އެޗްޑީސީގެ ފަރާތުން ތިޔަކުދިންނަށް ހަދިޔާކުރަން." ފަޒުލް ވިދާޅުވިއެވެ.

ވިލާ ކޮލެޖުގެ އިންޓީރިއާ އާކިޓެކްޗަރ އެގްޒިބިޝަންގައި އެކޮލެޖްގެ ފެކަލްޓީ އޮފް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީއިން ހިންގާ އިންޓީރިއާރ އާކިޓެކްޗަރ ޑިގްރީ ޕްރޮގްރާމުގެ ދަރިވަރުންގެ 30 ޕްރޮޖެކްޓެއް ވަނީ ދައްކާލާފައެވެ. މީގެތެރޭގައި ކޯހުގެ ފުރަތަމަ އަހަރުގެ ދަރިވަރުންނާއި ކޯހުގެ ދެވަނަ އަހަރު ކިޔަވަމުންދާ ދަރިވަރުންނާއި ފަހު އަހަރުގެ ދަރިވަރުންގެ މަސައްކަތްވަނި ދައްކާލާފައެވެ. މިރަސްމިއްޔާތުގައިވަނީ އެންމެ މޮޅު ޕްރޮޖެކްޓްތައް ހޮވާ އެކުދިންނަށް ހަނދާނީ ލިޔުންވަނީ ހަވާލުކޮށްފައެވެ.